އީރާނާއި އެމެރިކާގެ ކުރިމަތިލުންތަކުން ނުތަނަވަސްވެފައިވާ މެދުއިރުމަތި މިހާރު އެހެން ގޮތަކަށް އެއޮތީ ފުރޮޅިގެންގޮސްފައެވެ. ހޮރުމުޒް ކަނޑުއޮޅީގެ ބަދަލުގައި ހަގުރާމައިގެ އެންމެ ބޮޑު މައިދާނަކީ ލުބުނާނު ކަމަށް މިހާރުއޮތީ ވެފައެވެ. އެމެެރިކާއާއި އީރާނުގެ ކުރިމަތިލުންތަކަށްވުރެ އިޒްރޭލާއި ލުބުނާނުގެ ހިޒްބު ﷲ ގެ މުޖާހިދުންގެ ކުރިމަތިލުންތައް ހޫނުވެފައި ނުރައްކާވެއްޖެއެވެ. އިޒްރޭލުގެ ފަހަތުގައި އޮތީ އެމެރިކާއެވެ. ހިޒްބު ﷲ ގެ ފަހަތުގައި ވަނީ އީރާނެވެ. ކޮންމެއަކަސް އަސްކަރީގޮތުންނާއި ސިޔާސީގޮތުން މިވަގުތު އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ ލުބުނާނަށެވެ. އިޒްރޭލުގެ ސިފައިން ލުބުނާނަށް އަރައި ޖަރީމާތަކެއް ހިންގަމުންދާތާ ދުވަސްކޮޅެއް ވަނީ ވެފައެވެ. ކުއްލިއަކަށް މަސްރަހު ބަދަލުވެގެން ދިޔައީ އީރާނުގެ އިންޒާރަކުންނެވެ. ލުބުނާނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ އުދުވާންތައް ހުއްޓާނުލައިފިނަމަ ދެން ކަންކަން ކުރާނޭ ގޮތުގެ ވާހަކައިން އީރާނު ވަނީ ހަރުކަށި އިންޒާރެއް ދީފައެވެ.

ލުބުނާނުގެ ބޮޑުބައެއް ހިފައި ވެރިރަށް ބެއިރޫތަށްވެސް އަރަންދިމާކޮށްފިނަމަ އެމެރިކާޔާއެކު ސީދާކޮށްވެސް އަދި ނުސީދާކޮށްވެސް އީރާނަކުން ވާހަކަ ނުދައްކާނޭ ކަމަށާއި މަޝްވަރާތައް ނިމުނީކަމަށް އީރާނުން ވަނީ އިންޒާރު ދީފައެވެ. އަދި ލުބުނާނުގެ އަޚުންގެ ހިމާޔަތުގައި އަސްކަރީގޮތުން ތެދުވާންޖެހިދާނެ ކަމަށްވެސް ވަނީ ބުނެފައެވެ. ލުބުނާނުގެ ކަންކަމުގައި މިހާތަނަށް ހިމޭނުންހުރި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ކުއްލިއަކަށް ހޭލެވި ލުބުނާނުގައިވެސް ކަންތަކެއް އެބަހިނގާކަން މޭރުންވީ އެހިސާބުންނެވެ. ބުންޏެވެ. ހިޒްބު ﷲ އަށްވެސް ގުޅައިފީމެވެ. ނަތަންޔާހޫއަށްވެސް ގުޅައިފީމެވެ. ލުބުނާނުގެ ހަގުރާމަ ދެންދާނީ މައިތިރިވަމުންނެވެ. އީރާނާއި އެމެރިކާގެ މަޝްވަރާތަކެއްވެސް ނުހުއްޓެއެވެ. ނުވެސް ހުއްޓޭނެއެވެ. ބާރު ދުވެލީގައި މަޝްވަރާތައް ދަނީ ކުރިއަށެވެ. ރައީސް ޓްރަމްޕު މިމޭރުމުން ވާހަކަ ދެއްކިއަސް އެމެރިކާޔާއި އީރާނުގެ މަޝްވަރާތަކަށް ލޮޅުން އަރައިފިއެވެ. ހުއްޓިއްޖެއެވެ. ދެން އަލުން މަޝްވަރާތައް ފަށަން އީރާނު ބޭނުންވަނީ ލުބުނާނުގެ މައްސަލަ ކޮޅެއްގައި ޖެހުނު އިރަކުންނެވެ.

އެމެރިކާޔާއި އީރާނުގެ މަޝްވަރާތަކަށް ހުއްޓުން އައުމަކީ މިވަގުތު ޓްރަމްޕު ބޭނުންވާ ގޮތެެއް ނޫނެވެ. ހޮރުމުޒް ކަނޑުއޮޅި ހުޅުވެންއޮތީ އީރާނާއެކު ޑީލެއް ހެދިގެންނެވެ. ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ހަމަޖެހުމެއް ލިބެންއޮތީ ހޮރުމުޒް ކަނޑުއޮޅި ހުޅުވިގެންނެވެ. އެހެންވީމާ މަޝްވަރާތައް މިހިސާބުން ހުއްޓުނީޔޭ ބުނެ އީރާނުން އިންޒާރެއް ދިނީމާ ނިދިން ހޭލައި ސީރިއަސްވާން ޓްރަމްޕަށް މަޖުބޫރުވީއެވެ. ދެންއޮތީ ހަގުރާމަ ހުއްޓާލާފައި ލުބުނާނުން ފައިބާށޭ ޓްރަމްޕު އެންގީމާ އެގޮތަކަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އަމަލުކުރާނެތޯ ނުވަތަ ނޫންތޯ އުފެދޭ ސުވާލެވެ. ހަގުރާމަ ހުއްޓާލުމެއްނެތޭ ބުނެ ނަތަންޔާހޫ މިހާރުވެސް އެގެންދަނީ ހަރުކަށިކަން ދައްކަމުންނެވެ. ޓްރަމްޕު ބުންޏަސް އަދި އެހެން މީހަކު ބުންޏަސް މިފަހަރު އިޒްރޭލު މައިތިރި ނުކުރެވޭނޭ ކަމަށް އަދި މައިތިރިވެގެންވެސް ނުވާނެ ކަމަށް ނަތަންޔާހޫގެ ކެބިނެޓުގެ ވަޒީރުންވެސް ގެންދަނީ ބުނަމުންނެވެ.

ހަގީގަތުގައި ލުބުނާނަށް އަރައި އިޒްރޭލުގެ ފައުޖުން ލުބުނާނު ސުންނާފަތި ކުރަމުން އެދަނީ ވަރަށް ނުބައި މަގުސަދެެއް އޮވެގެންނެވެ. އެ މަގުސަދަކީ އެމެރިކާޔާއި އީރާނުގެ ސުލްހަނާމާއަކަށް ހުރަސްއެޅުމެވެ. ލުބުނާނުގައި ހަގުރާމަ ކުރިއަށް ދަންޏާ، އަދި ލުބުނާނުގައި އިޒްރޭލް ސިފައިން ދެމިތިބެންޏާ އެމެރިކާޔާއެކު ސުލްހަނާމާއެއް ހަދަން އީރާން އެއްބަސް ނުވާނެކަން އިޒްރޭލަށް އެނގެއެވެ. ކަށަވަރުވެސްވެއެވެ. އެހެންވީމާ ނަތަންޔާހޫގެ ނިޔަތަކީ އެމެރިކާޔާއި އީރާނުގެ މެދުގައި ސުލްހަ ގާއިމުވިޔަ ނުދިނުމެވެ. މިކަންކަމަށް ވިސްނާއިރު ހަގުރާމަ ހުއްޓާލާފައި ހަމަ މިހާރު ލުބުނާނުން ފައިބާށޭ ޓްރަމްޕު އެންގިއަކަސް އެ އެންގުމަށް ނަތަންޔާހޫ އެހާފަސޭހައިން ކިޔަމަންވާނޭ ކަމަށް ނުފެނެއެވެ. ނަތަންޔާހޫ ކިޔަމަން ކުރެވޭނީ ތަންކޮޅެއް ސީރިއަސްކޮށް ކަންތަކެއް ކޮށްގެންނެވެ. ސުވާލަކީ އެހައިވަރުގެ ސީރިއަސްކަމެއް ދައްކަން ޓްރަމްޕަށް ކެރިދާނެ ބާވައެވެ. އޭނާގެ ވަށައިގެން ދާޖަހައިގެން ތިބި ޒަޔަނިސްޓުން ރުޅިއަރުވައިލަން އޭނާއަށް ކެރިދާނެ ބާވައެވެ.

އެމެރިކާގެ ބައިވެރިވުމެއްނެތި އީރާނާ ހަގުރާމަ ކުރުމަކީ އިޒްރޭލަށް ކުރެވޭނެ ކަމެއް ނޫނެވެ. އެމެރިކާއިން ބައިވެރިވިޔަސް ނުވިޔަސް ލުބުނާނާ ދެކޮޅަށް އެކަން ކުރެވިދާނެއެވެ. ލުބުނާނު ނިކަމެތިވީމައެވެ. ކުޑަވީމައެވެ. މިހާރު އިޒްރޭލުން ކުރަމުން ގެންދަނީ އެކަމެވެ. އިޒްރޭލް ސިފައިން އެތިބީ އެއްގަމުން ލުބުނާނުގެ ދެކުނަށް ވަދެ އެހިސާބުގެ ބޮޑު ސަރަހައްދެއް ހިފައިގެންނެވެ. ލިތާނީ ކޯރު ހުރަސްކޮށް އޭގެ އުތުރަށްވެސް ޖެހިގެންފިއެވެ. ދެކުނު ލުބުނާނުގެ އެންމެ މުހިއްމު ސަހަރުކަމަށްވާ ސޫރުވެސް ހިފައިފިއެވެ. އިޒްރޭލުން ހިފާފައިވާ ސަރަހައްދުގެ ސަހަރުތަކާއި އަވަށްތަކުން މީހުންވެސް ނެރެން ފަށައިފިއެވެ. ޔުނެސްކޯ ވޯލްޑް ހެރިޓޭޖް ސައިޓްތަކުގެ ތެރެއިން ބެލްފަޓް ކޯއްޓޭވެސް ހިފައިފިއެވެ. އެތަންތަން ބިމާހަމަކޮށް ގާޒާއަށް ހެދިހެން އެހެރަގެންދަނީ ހަދަމުންނެވެ. ދެން އެންމެއަވަހަށް ދިމާކުރާނެ ކަމަށް ބެލެވެނީ ވެރިރަށް ބެއިރޫތާއެވެ. އީރާނުގެ އިންޒާރު އައީ އެކަން ކަށަވަރުވުމުންނެވެ.

މިކަންކަން އިޒްރޭލުން ކުރަމުން އެގެންދަނީ ދުނިޔޭގެ ގިނަބަޔަކު ހޯހޯއޭ ގޮވަމުން ދަނިކޮށެވެ. އދ. ގެ ސަލާމަތީ މަޖިލީހުންވެސް މި އަމަލުތައް ކުށްވެރި ކުރަމުން ދަނިކޮށެވެ. ލުބުނާނުގެ ކަންކަމަކީ ސަލާމަތީ މަޖިލީހުގެ މެންބަރުންގެ ތެރެއިން ފްރާންސްގެ ޒިންމާގެ ދަށުގައިވާ ކަންކަމެވެ. ލުބުނާނުގެ ސުލްހައަށް ޖާމިނުވާ ބޮޑުބާރަކީ އެއީއެވެ. އެކަމަކު ފްރާންސާއި ޔޫރަޕުގެ އިއްތިހާދުގެ އިލްތިމާސެއްވެސް އިޒްރޭލަކުން އަޑެއް ނާހައެވެ. އިޒްރޭލުގެ މި ޖަރީމާތަކުގެ ޒިންމާ އެމެރިކާއިން އެެޅުވޭތޯ މަސައްކަތް ކުރަމުންދަނީ ހިޒްބު ﷲ ޖަމާއަތުގެ ބޮލުގައެވެ. ހިޒްބު ﷲ އަކީ ލުބުނާނުގެ ޝީއީންގެ ހަގުރާމަވެރި ޖަމާއަތެކެވެ. އެ ޖަމާއަތަށް ވާގިވެރިވަނީ އީރާނުންނެވެ. އެމެރިކާޔާއި އިޒްރޭލަށް ނުބައިވަނީ ހިޒްބު ﷲ ޖަމާއަތުން ފޮނުވާ ރޮކެޓާއި ޑްރޯން ހަމަލާތަކެވެ. އެ ހަމަލަތައް ފޮނުވަނީ ކީއްވެގެންކަން ބެލުމެއް ވިސްނުމެއް ނެތެވެ. އަމިއްލަ ދިފާއުގައި ކަންކަންކުރުމުގެ ހައްގު ހަމަކޮންމެ ބަޔަކަށްވެސް ލިބިގެންވާކަން ހަނދާންކުރުމެއް ނެތެވެ.