އިޓަލީގެ ރޯމްގައި ލުބުނާނާއި އިސްރާއީލާ ދެމެދު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ދަނިކޮށް، އިސްރާއީލުގެ އަސްކަރިއްޔާއިން ލުބުނާނުގެ ދެކުނަށް އަލުން ހަމަލާދޭން ފަށައިފިއެވެ.
އިސްރާއީލުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި ހަމަލާތައް ދޭން ފެށީ ހަމަލާތައް މެދުކަނޑާލުމަށް ވެފައިވާ އެއްބަސްވުމާ ހިޒްބުﷲއިން ކަނޑައެޅިގެން ހިލާފުވުމާ ގުޅިގެންނެވެ. ނަމަވެސް އެއްބަސްވުމާ ހިލާފުވީ ކޮން ގޮތަކަށް ކަމެއް އެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.
ޗައިނާގެ ޒިންހުއާ ނިއުސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުން ދިން ވައިގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ބިންތު ޖުބައިލް ސަރަހައްދުގައިވާ ހިޒްބުﷲގެ ބިންގަރާހަކަށެވެ. މީގެ އިތުރުން ލުބުނާނުގެ ރަސްމީ ނިއުސް އޭޖެންސީއާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ އަސްކަރީ އުޅަނދުތައް އައިތާ އަލް-ޖަބަލް ސަރަހައްދަށް ވަދެފައިވާއިރު، ހަދާތާ ސަރަހައްދަށް ވަނީ ބޮޑުބަޑީގެ ހަމަލާތައް ދީފައެވެ.
މި ހަމަލާތައް ދީފައިވަނީ އެމެރިކާ މެދުވެރިވެގެން ލުބުނާނާއި އިސްރާއީލާ ދެމެދު ރޯމްގައި ކުރިއަށްދާ މަޝްވަރާތަކުގެ ހަތްވަނަ ބުރު ފަށާފައި ވަނިކޮށެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނި ގޮތުގައި، އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލަނީ ލުބުނާނުގެ ދެކުނުން އިސްރާއީލު ސިފައިން ފޭބުމަށާއި، ހިޒްބުﷲގެ ހަތިޔާރު ނެގުމުގެ އިތުރުން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ކަނޑައަޅާ ސަރަހައްދުތަކާ ގުޅޭގޮތުންނެވެ.
މި މަޝްވަރާތަކާ ގުޅިގެން ހިޒްބުﷲގެ ލީޑަރު ނައީމް ގާސިމް ވިދާޅުވި ކަމަށް އަލް މަޔާދީން ޗެނަލުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްރާއީލާއެކު ކުރިއަށްގެންދާ ސީދާ މަޝްވަރާތަކުން ލުބުނާނަށް ލިބޭނީ ހަމައެކަނި ލަދުވެތިކަމާއި ނިކަމެތިކަމެވެ.
މިހާރު ކުރިއަށްދާ މަޝްވަރާތަކުގައި ލުބުނާނުގެ ފަރާތުން އެދިފައިވަނީ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމަށް އިސްރާއީލުން ފުރިހަމައަށް އަމަލުކުރުމަށާއި، ލުބުނާނުގެ ސަރަހައްދަށް ވަނުން ހުއްޓާލުމަށް ކަމަށް ލުބުނާނުގެ އޮފިޝަލުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ.
ލުބުނާނު
ލުބުނާނު
ލުބުނާނު
ލުބުނާނު
ކޮމެންޓް