ބާޒާރުން ފިޔާ ލިބުން މި ދުވަސްވަރު ދަތިވެ، ފިޔާގެ އަގު ބޮޑު ވެއްޖެއެވެ.

ބާޒާރުގައި ފިޔާ ލިބުން ދަތިވީ މި ދުވަސްވަރު މޫސުން ގޯސްވުމުގެ ސަބަބުން، ދަތުރުފަތުރު ކުރުމަށް ދަތިތަކެއް ކުރިމަތިވެފައިވާތީއެވެ. ފިހާރަތަކުން އަށް ރުފިޔާއަށް ލިބެން ހުރި ފިޔާ ކިލޯއެއްގެ އަގު މިހާރު ވަނީ 25 ރުފިޔާއަށް ބޮޑުވެފައެވެ.

ބާޒާރުގައި ފިޔާ ލިބުން ދަތިވެ އަދި އަގުބޮޑުވި ނަަމަވެސް އެސްޓީއޯއިން އަގުހެޔޮކޮށް ފިޔާ ލިބެން ހުންނާނެކަމަށް އެ ކުންފުނިން މިރޭ ބުންޏެވެ.

އެސްޓީއޯއިން މިރޭ ބުނީ އެސްޓީއޯގެ ފިހާރަތަކުން މިހާރުވެސް ވިއްކާ އަގުގައި ފިޔާ ހޯސޭލް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެ ކަމަށެވެ.

ފިޔާގެ އަގަށް އެއްވެސް ބަދަލެއް ގެނައުމުގެ ވިސްނުމެއް އަދި ނެތްކަމަށް އެސްޓީއޯއިން ބުންޏެވެ. އަދި ބުނީ ފިޔާގެ ސްޓޮކް އެބަހުރި ކަމަށާއި، އިތުރަށް ބޭނުންވާ ނަމަ، މިފަދަ ހާލަތްތަކުގައި ކުރިންވެސް އެފަދަ ތަކެތި އެތެރެކުރާ އުސޫލުން ފިޔާވެސް ގެނެވޭނެ ކަމަށެވެ.

މީގެ އިތުރުން އެސްޓީއޯއިން ބުނީ ފިޔާގެ އާ ޝިޕްމެންޓެއް ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށެވެ.