ރީފަންޑް ދޭންކަމަށް ބުނެ ބުކިން ޑޮޓްކޮމްގެ ނަމުގައި ސްކޭމް މެސެޖުތަކެއް ފޮނުވަމުންދާތީ ސަމާލުވުމަށް ފުލުހުންގެ، އެންޓި ސްކޭމް ސެންޓަރުން އިލްތިމާސްކޮށްފިއެވެ.

އެންޓި ސްކޭމް ސެންޓަރުން މިރޭ ފޭސްބުކުގައި ކުރި ޕޯސްޓެއްގައި ބުނީ ބުކިން ޑޮޓްކޮމްގެ ނަމުގައި ފޮނުވަމުންދަނީ ފިޝިން ލިންކެއް ކަމަށެވެ. އެ ފިޝިން ލިންކުގެ ބޭނުމަކީ ބޭންކު ކާޑުގެ މައުލޫމާތު ވަގަށް ނެގުންކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.

އެ ލިންކު މެދުވެރިކޮށް ކާޑުގެ މައުލޫމާތު ވަގަށް ނެގުމުގެ ގޮތުން "24 ގަޑިއިރުގެ ތެރޭގައި" ކާޑުގެ މައުލޫމާތު ފުރިހަަ ކުރަންޖެހޭނެކަމަށް ބަޔާންކޮށްފައިވަނީ ވިސްނާލަން ވަގުތު ނުދީ ބިރުވެރިކަން އުފައްދަންކަމަށް އެންޓި ސްކޭމް ސެންޓަރުން ބުންޏެވެ.

އެންޓި ސްކޭމް ސެންޓަރުން ބުނީ، އެއްވެސް ކުންފުންޏަކުން ރީފަންޑް ދޭން ކާޑުގެ ނަންބަރާއި، މުއްދަތު ހަމަވާ ތާރީހު އަދި ސީވީވީ ހޯދަން ލިންކު ނުފޮނުވާނެ ކަމަށެވެ.

އެފަދަ ސްކޭމްތަކުން ރައްކާތެރިވުމުގެ ގޮތުން އެއްވެސް ފަރާތަކާ އޯޓީޕީ އަދި ކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށް އެންޓި ސްކޭމް ސެންޓަރުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އެގޮތަށް ލިބޭ ލިންކުތައް ވަނުމުގެ ބަދަލުގައި ރަސްމީ ވެބްސައިޓުތައް މެދުވެރިކޮށް ކަންކަން ޗެކް ކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.