ދަމަނަވެށި މަރާމާތުކުރުމުގެ މަސައްކަތް ފަށާފައިވާތީ، އެތަނުން ދެމުންދިޔަ ހުރިހާ ހިދުމަތްތަކެއް ވަގުތީ ގޮތުން މާފަންނުގައި ހުންނަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަށް ބަދަލުކޮށްފިއެވެ.
އައިޖީއެމްއެޗުން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ދަމަނަވެށި ހިންގާ އިމާރާތުގެ މަރާމާތުގެ މަސައްކަތް ކުރިއަށްދާތީ، މިއަދުން ފެށިގެން އެ މަރުކަޒުގެ ހުރިހާ ހިދުމަތްތައް ލިބޭނީ މާފަންނު ޔޫޕީއެޗްސީ ނުވަތަ އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރުން ކަމަށެވެ.
ދަމަނަވެއްޓަކީ ކުޑަކުދިންގެ ސިއްހަތާ ގުޅުންހުރި މުހިންމު މަސައްކަތްތަކެއް ކުރާ ތަނެކެވެ. އޭގެ ތެރޭގައި ކުދިންގެ ބަރުދަން ބެލުމާއި، ގަވާއިދުން ދޭންޖެހޭ ވެކްސިންތައް ޖެހުން ފަދަ ހިދުމަތްތައް ހިމެނެއެވެ.
ހެލްތު މިނިސްޓްރީން ކުރިން ބުނެފައިވާ ގޮތުގައި، އެ ބަދަލު ގެންނަން ޖެހުނީ ދަމަނަވެށި ހުންނަ އިމާރާތާއި ކުރީގެ ތެލެސީމިއާ ސެންޓަރު ހުރި ސަރަހައްދުގައި އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރެއް ގާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާތީއެވެ.
މާފަންނު އާބަން ޕްރައިމަރީ ހެލްތު ކެއާ ސެންޓަރަކީ ރަސްފަންނު ސަރަހައްދުގައި ކުރިން "ކޮރަލް ބޮލެވާޑް" އެޅުމަށް ހަމަޖެހިފައި އޮތް ބިމުގައި ހަދާފައިވާ ތަނެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ގައި ހުޅުވި އެ ސެންޓަރުގައި ޖެނެރަލް ޕްރެކްޓިސް ކްލިނިކެއްގެ އިތުރުން، ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އާ ގުޅިގެން ކުޑަކުދިންގެ ސިއްހަތަށް ހާއްސަ ހިދުމަތްތަކާއި ބެލެނިވެރިންނަށް ބޭނުންވާ ކައުންސިލިންގެ ހިދުމަތްވެސް ލިބޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ހެލްތު މިނިސްޓްރީން ބުނެފައިވަނީ ދަމަނަވެށީގެ ހިދުމަތްތައް ހުޅުމާލެ ޕަބްލިކް ހެލްތު ޔުނިޓާއި ޖީޕީ ކްލިނިކްތަކުންވެސް ލިބޭނެ ގޮތް ހަމަޖެއްސުމަށް ވަނީ ނިންމާފައި ކަމަށެވެ.
މުހައްމަދު އިޝާން
އައިޖީއެމްއެޗް