މަޝްހޫރު ފިލްމު 'ޑޮން 3' އިން ވަކިވުމާ ގުޅިގެން އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް އެކްޓަރު ރަންވީރު ސިންގް ހުށަހެޅި ހުށަހެޅުން، އެކްސެލް އެންޓަޓެއިންމަންޓުން ގަބޫލުނުކޮށް ރައްދުކޮށްފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި، ރަންވީރު ވަނީ އެކްސެލް އެންޓަޓެއިންމަންޓްގެ ޕްރޮޑިއުސަރުން ކަމަށްވާ ފަރްހާން އަހްތަރު އަދި ރިތޭޝް ސިދްވާނީއާ ބައްދަލުކޮށް، ދެ ފަރާތް ގުޅިގެން އެހެން ފިލްމެއް އުފެއްދުމަށް ހުށަހަޅާފައެވެ. މި ހުށަހެޅުމުގެ ބޭނުމަކީ 'ޑޮން 3' އިން އޭނާ ވަކިވުމުގެ ސަބަބުން ހީނަރުވެފައިވާ ގުޅުން އަލުން ބަދަހިކުރުމެވެ. ނަމަވެސް، އެކްސެލް އެންޓަޓެއިންމަންޓުން ވަނީ މި ހުށަހެޅުން ރަސްމީކޮށް ބާތިލުކޮށް، ކުރިމަގުގައި ރަންވީރާއެކު އެއްވެސް މަސައްކަތެއް ކުރުމުގެ ޝައުގުވެރިކަން ނެތްކަމަށް ބުނެފައިކަމަށް ހަބަރުތައް ބުނެއެވެ.

މި މައްސަލަ ފެށިފައިވަނީ، 'ޑޮން 3' ގެ ޝޫޓިން ފެށުމަށް ތިން ހަފުތާއަށް ވެފައި ވަނިކޮށް ރަންވީރު ކުއްލި ގޮތަކަށް ފިލްމުން ވަކިވުމާ ގުޅިގެންނެވެ. އެކްސެލް އެންޓަޓެއިންމަންޓުން ބުނާ ގޮތުގައި، ފިލްމުގެ ޕްރީ-ޕްރޮޑަކްޝަން މަސައްކަތްތަކަށް އެ ކުންފުނިން ވަނީ 45 ކްރޯޑު ރުޕީސް ހަރަދުކޮށްފައެވެ. އެހެންކަމުން، އެ ކުންފުނިން މިހާރު އަންނަނީ އެ ގެއްލުމުގެ ބަދަލު ހޯދުމަށް މަސައްކަތްކުރަމުންނެވެ.

މި މައްސަލައާ ގުޅިގެން، ފެޑެރޭޝަން އޮފް ވެސްޓަން އިންޑިއާ ސިނެ އެމްޕްލޯޔީސް (އެފްޑަބްލިއުއައިސީއީ) އިން ވެސް ވަނީ ރަންވީރާއެކު މަސައްކަތް ނުކުރުމަށް އަންގައި، އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި، ފަރްހާން އަދި ރިތޭޝް ބޭނުންވަނީ ކުރިމަގުގައި ފިލްމެއް ހެދުމުގެ ބަދަލުގައި، އެ ކުންފުންޏަށް ލިބުނު މާލީ ގެއްލުމުގެ ބަދަލު ހޯދުމަށެވެ. މީގެ އިތުރުން، ފަރްހާންގެ ދައްތަ ޒޯޔާ އަހްތަރާއެކު ފިލްމެއް ކުޅުމަށް ރަންވީރު ހުށަހެޅި ނަމަވެސް، އެ ހުށަހެޅުން ވެސް ވަނީ ގަބޫލުނުކޮށް ރައްދުކޮށްފައެވެ.