ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެންމެ ފަހުން ސިންގަޕޫރަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން، ބައެއް ފަރާތްތަކުން އެމަނިކުފާނުގެ މައްޗަށް ކުރެއްވި ތުހުމަތުތައް ދޮގު ކުރައްވައި ހޫނު ރައްދުތަކެއް ދެއްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ވަނީ އީދު ބަންދުގައި ރައީސް ސިންގަޕޫރަށް ކުރެއްވި އަމިއްލަ ދަތުރުފުޅާ ދިމާކޮށް އިދިކޮޅު ފަރާތްތަކުން ކޮށްފައިވާ ބައެއް ތުހުމަތުތަކާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

އެގޮތުން ރައީސް މުއިއްޒުގެ އާއިލާ ޔޫކޭގައި ތިއްބަވަނިކޮށް މެލޭޝިއާއަށް ޗުއްޓީއަށް ދާން ޖެހޭ ސަބަބެއް ނެތް ކަމަށާއި ސިންގަޕޫރަށް ވަޑައިގެންނެވި ދަތުރުފުޅަކީ މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމްއާ ބައްދަލުކުރެއްވުމަށް ކުރެއްވި ދަތުރުފުޅެއް ކަމަށާއި ނަމަވެސް އެ ދަތުރުފުޅު ނާކާމިޔާބުވެފައިވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީއެންއެފްގެ އެކްޓިވިސްޓެއްކަމަށްވާ "ޕާޕާ" ވިދާޅުވި ކަމަށް ނޫސްވެރިޔާގެ ސުވާލުގައި ބުންޏެވެ.

ރައީސްގެ ދަތުރުފުޅުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްވެސް ބައިވެރިވެވަޑައިގެންނެވި ކަމަށާއި ނިންމަވާފައި އޮތީ ނާޒިމަށްފަހު ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފްވެސް ވަކިކުރަން ކަމަށް ނޫސްވެރިޔާގެ ސުވާލުގައި ބުންޏެވެ.

އެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ދައްކަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި މިއީ "ބުހުތާން ދޮގަށް" ވުރެއްވެސް އެހެން ލެވެލްއެއްގެ ދޮގު ހެދުން ކަމަށެވެ.

"ވީޕީ ހުސައިން މުހައްމަދު ލަތީފް ވަކިކުރާ ވާހަކަ، ހަމަ އެ ލެވެލްގެ ވާހަކައެއް އެއީ. ކޯންޗެއްތޯ ކްރިއޭޓް ކުރަން މިއުޅެނީ؟ މިއީ ޕޮލިޓިކްސް އެއްވެސް ނޫނެންނު، ޑާޓީ ޕޮލިޓިކްސްއެއްވެސް ނޫން މިއީކީ. މުޅިން އެހެން ލެވެލްއެއްގެ ޕޮލިޓިކްސްއެއް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސިންގަޕޫރަށް ވަޑައިގެންނެވީ އެކަނި ނޫން ކަމަށާއި ދެ ދަރިކަލުންވެސް އެކުގައި ވަޑައިގެންނެވި ކަމަށެވެ. އަދި ސިންގަޕޫރަށް އަނބިކަނބަލުން ސާޖިދާ މުހައްމަދުވެސް ހަމަ އެ ދުވަހު ވަޑައިގެންނެވި ކަމަށާއި އެއީ މާ ކުރިންވެސް ތާވަލުކޮށްފައި އޮތް ދަތުރެއް ކަމަށެވެ.

"ދެން ތި ވިދާޅުވަނީ ގާސިމް އިބްރާހިމްގެ ވާހަކަ، އެއީ އަދި އެހެން ވާހަކައެއް ނޫންތޯ؟ ގާސިމް އިބްރާހިމްގެ އަރިހުން ތިވާހަކަ އައްސަވަން އަޅުގަނޑަށް ފެންނަނީ. ގާސިމް އިބްރާހިމް ހަމަ ގައިމުވެސް ހެއްކަކަށްވާނެ ނޫންތޯ ތިވާހަކަ ދޮގުކުރައްވާނެ. އަޅުގަނޑު ދިޔައީ ޗުއްޓީއަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސިންގަޕޫރު ދަތުރުފުޅުގައި ނާޒިމްއާ ބައްދަލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު ނާޒިމާއެކީގައި ދައްކާނެ ވާހަކައެއްވެސް ނެގޯޝިއޭޝަނެއްވެސް ނެތް. އެކަމާ ވިސްނާފައެއްވެސް ނޯންނާނެ. އެއީކީއެއް އެކަހަލަ އެއްވެސް ކަމެއްގައި ކުރި ދަތުރެއް ނޫން:" ރައީސް ވިދާޅުވިއެވެ.

ރައީސް މުއިއްޒު ވިދާޅުވީ އިތުރަށް ރާއްޖޭގައި މިހާރު ނެތީ ޒިންމާދާރު އިދިކޮޅު ޕާޓީއެއް ކަމަށާއި މިހާރު ރާއްޖޭގައި އޮތީ "ގޮސިޕް" ފަތުރާ އިދިކޮޅެއް ކަމަށާއި، އޭގައިވެސް ދައްކަނީ އެއްވެސް ތާކުން ތާކުން ނުޖެހޭ އެއްވެސް ހަގީގަތެއް އެކުލެވިގެން ނުވާ ވާހަކަތަކެއް ކަމަށެވެ.