ކުޅެން އުޅޭ ވަގުތުގައި ނަމާދު ގަނޑި ޖެހިއްޖެ ހިނދެއްގައި، ނަމާދު ކުރެވޭނެ އިންތިޒާމު ހުރިހާ ކުޅިވަރު މަޒުކަޒުތަކުގައި ގާއިމު ކޮށްދެއްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނިއުސްކޮންފަރެންސްގައި ސުވާލުތަކަށް ފުރުސަތު ދެއްވުމުގެ ކުރިން ސަރުކާރުން ކުރިއަށްގެންދާ މުހިއްމު ބައެއް ކަންތައްތަކާބެހޭ މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވާއިރު، ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ކަންކަން ކުރަންވާނީ އިސްލާމް ދީނުގެ ހަމަތަކުގެމަތިން ކަމަށެވެ.

ނަމަވެސް ކުޅިވަރުކުޅޭ ވަގުތުތަކުގައި ނަމާދު ގަޑި ގޮސް ނިމޭއިރު ވެސް ކުޅިވަރުކުޅެން ތިބުމަކީ ޒަމާނުއްސުރެން އޮތް އާދައެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އެގޮތަށް ނަމާދު ގަޑި ނިމިގެންދާއިރު ކުޅިވަރުގައި ތިބުމަކީ އެންމެ ރަނގަޅުގޮތް ނޫން ކަމަށެވެ.

"އެއީ ގަސްތުގައި ކުރާކަމެއްވެސްނޫން، އަޅުގަނޑުމެންގެ ތެރޭގައި ޒަމާނުއްސުރެން އޮތް އާދަ، އެހެންވީމަ ކުރިއަށް އޮތްތަނުގައި އަޅުގަނޑުމެންގެ ތެރޭގައި މަޝްވަރާ ކުރެވެމުން ގޮސް ވަކި ހިސާބަކަށް ތަންފީޒު ކުރުމާ ހަމައަށް ގެންދެވިފައިވަނީ ކުޅިވަރުގެ މައިދާނުގައި، މިސާލަކަށް ސަރުކާރުން އަޅާ އިމާރާތްތަކުގައި ސްޕޯޓްސް ކޮމްލެކްސްތަކާއި އެކި ކަހަލަ ކުޅިވަރު އެކުވެނި، ތަންތަނުގައި ވުލޫކުރާ ތަނާއެކު ނަމާދު ކުރެވޭނެ ޒަމާނީ ފެސިލިޓީ ފެސިލީތަކެއް ގައިމްކުރަން،"

ރައީސް ވިދާޅުވީ، ބައެއް ބާވަތްތަކުގެ ކުޅިވަރު އެކުވެނިތައް ގާއިމް ކުރަން ސްޕޯޓްސް މިނިސްޓްރީން މިހާރު އެކި ފަރާތްތަކާ ހަވާލުކޮށްފައިވާއިރު އެތަންތަނުގައިވެސް އެ ނިޒާމުތައް ގާއިމް ކުރާނެ ކަމަށެވެ. އޭގެ އިތުރުން މިހާރުހުރި ކުޅިވަރު އެކުވެންނާއި މާފަންނު ސްޓޭޑިއަމްގައި އެ ފެސިލިޓީތައް ގާއިމް ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.

"މިސާލަކަށް ކުޅިވަރު އެކުވެނީގައި މިހާރަކު ނުހުންނާނެ އެކަންކަން ކުރެވޭގޮތަކަށް، މާފަންނު ސްޓޭޑިއަމްގައި ނުހުންނާނެ، އެހެންވީމަ އެތަނުގައިވެސް ކުޅިވަރު ކުޅެން އުޅެފައި ނަމާދު ގަޑި ގެއްލުނަ ނުދިނުމަށްޓަކައި އެންމެ ޒަމާނީ ފެންވަރުގައި ނަމާދު ކުރެވޭނެ ގޮތް ގާއިމް ކުރެވިގެންދާނެ،"