ދުންފަތާ ގުޅޭ އިތުރު ނުރައްކާތަކުން ޒުވާން ޖީލު ރައްކާތެރިކުރުމުގައި ސާބިތުކަމާއެކު ސަރުކާރުން ދެމިތިބޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުންފަތުގެ އިސްތިއުމާލުކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ މުނާސަބަތާ ގުޅުވައި އެކްސްގައި ރައީސް މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީ- ސިނގިރޭޓު މަނާކުރުމުން ފެށިގެން ދުންފަތާ ދެކޮޅަށް "ޖެނެރަލް ބޭން" ތަންފީޒުކުރަން ފެށި ދުނިޔޭގެ ފުރަތަމަ ގައުމަށް ރާއްޖެ ވުމަކީ ލިބިވަޑައިގަންނަވާ ޝަރަފެއް ކަމަށެވެ.

ދުންފަތާ ދެކޮޅަށް ރާއްޖެއިން އަޅަމުން އަންނަ ބޮޑެތި ފިޔަވަޅުތައް ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އެކި ރަހަތަކާއެކު އަލަށް ބާޒާރަށް އަންނަ ނިކޮޓިން ޕައުޗްތަކާއި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ދުންފަތް އިޝްތިހާރުކޮށް ޒުވާން ސިކުނޑިތަކަށް ވާސިލުވުމަށް މަސައްކަތް ކުރެވެމުންދާއިރު، އެކަންކަމަށް ސަރުކާރުން ސަމާލުވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ، ދުންފަތާ ދެކޮޅަށް މަސައްކަތްކުރާ ކްލިނިކްތަކާއި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ސަރަހައްދުތައް ކަނޑައެޅުމާއި ގާނޫނާއި ގަވާއިދުތައް އިސްލާހުކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.

މީގެ އިތުރުން ޒުވާން ޖީލު މި ވަބާއިން ރައްކާތެރިކުރުމުގައި މިސަރުކާރު ދެމިއޮންނާނެކަމުގެ ޔަގީންކަންވެސް އެ މަނިކުފާނު ދެއްވިއެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަހަކީ ކޮންމެ އަހަރެއްގެ މެއި މަހުގެ 31 ވަނަ ދުވަހެވެ.