ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެގައުމުގެ ރައީސް ރާމްޗަންދްރަ ޕޯޑެލްއަށާއި ބޮޑުވަޒީރު ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހްއަށް ތަހުނިޔާ އާއި މުބާރަކުބާދީ ފޮނުއްވައިފި އެވެ.

ނޭޕާލްގެ ރައީސް ރާމްޗަންދްރަ ޕޯޑެލް އަށް ފޮނުއްވި ސިޓީފުޅުގައި ރައީސްވަނީ، ދެ ގައުމަށާއި ދެ ގައުމު ހިއްސާކުރާ ސަރަހައްދީ ފައިދާއަށްޓަކައި، ދެ ގައުމުގެ މެދުގައިވާ ޒަމާންވީ ގާތް ގުޅުމުގެ އަގުވަޒަންކުރައްވާކަން ފާހަގަކުރައްވާފައެވެ.

އެމަނިކުފާނުގެ ސިޓީ ފުޅުގައި، ދެ ގައުމުގެ ގާތް ގުޅުންތައް އިތުރަށް ހަރުދަނާކުރެވި، ގުޅިގެން ކުރާ މަސައްކަތްތައް ފުޅާވެ، ފާގަތިކަން އިތުރުވާނޭކަމަށް ޔަގީންކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ބޮޑުވަޒީރު ރައިޓް އޮނަރަބަލް ބަލެންދްރަ ޝާހް އަށް ފޮނުއްވި ސިޓީފުޅުގައި، މި މުނާސަބާ ރައީސް ސިފަކުރައްވާފައިވަނީ، ނޭޕާލްގެ ސާބިތުކަމާއި ވިލުންތެރިކަމުގެ ރޫހުގެ ހެއްކެއްގެ ގޮތުގައެވެ.

މިއަހަރުގެ ކުރީކޮޅު ބޭއްވި އިންތިހާބު ތަނަވަސް އަގުލަބިއްޔަތަކުން ކާމިޔާބުކުރައްވައި މަގާމާ ހަވާލުވެވަޑައިގަތީއްސުރެ، ބޮޑުވަޒީރު ޝާހްގެ މޭސްތިރިކަމުގައި، ފާގަތިކަން އިތުރުކުރުމަށާއި، ޑިމޮކްރަސީ ހަރުދަނާކުރުމަށް ނޭޕާލުން ހޯދަމުންދާ ކުރިއެރުންތައް ފެނުމަކީ އުފާކުރައްވާ ކަމެއްކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

އޭގެ އިތުރުން، އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހުތިރާމުގެ މައްޗަށް ބިނާވެފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައިވާ ގުޅުންތައް އިތުރަށް ގާތްވެ، އޭގެ މަންފާ ދެ ގައުމަށްވެސް ލިބިގެންދާނެކަމަށް ޔަގީންކުރައްވާކަމުގައި ރައީސް ވިދާޅުވެފައިވެއެވެ.

އަދި ނޭޕާލްގެ ރައީސާއި ބޮޑުވަޒީރަށް ދުޅަހެޔޮ ސިއްހަތަކަށާއި އުފާފާގަތިކަމަށް އެދިވަޑައިގެން، އެ ގައުމަށް ކުރިއެރުމާއި ފާގަތިކަމަށްވެސް އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.

ކޮންމެ އަހަރެއްގެ މޭ މަހުން 28 ވަނަ ދުވަސް ނޭޕާލުގެ ޖުމްހޫރީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ، 2008 ވަނަ އަހަރު، އެ ގައުމު ފެޑެރަލް ޑިމޮކްރެޓިކް ރިޕަބްލިކަކަށް ބަދަލުވި ތާރީހީ މުނާސަބަތާ ގުޅުވައިގެންނެވެ.