ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގައި އައިވީއެފް އަދި އައިޔޫއައި ފަރުވާ މެދުވެރިކޮށް 100 ކުދިން އުފަންވުމުގެ ތާރީހީ ކާމިޔާބީ އެ ހޮސްޕިޓަލުން މިއަދު ފާހަގަކޮށްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާގެ ދާއިރާއިން ހޯދުނު ވަރަށް މުހިންމު ކުރިއެރުމެއް ކަމަށެވެ. މި ކާމިޔާބީއާއެކު، ރާއްޖޭގެ ސިއްހީ ނިޒާމަށް އާ އުންމީދެއް ލިބިގެން ގޮސްފައިވާ ކަމަށް ސިއްހީ ދާއިރާގެ ތަޖުރިބާކާރުންވެސް ފާހަގަކުރެއެވެ.
ޓްރީ ޓޮޕުން 29 މެއި 2023 ގައި ގާއިމުކުރި މި ސެންޓަރަކީ ރާއްޖޭގައި އައިވީއެފް އަދި އައިޔޫއައި ހިދުމަތް އެންމެ ފުރަތަމަ ތައާރަފުކުރި މަރުކަޒެވެ. ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި އެ ސެންޓަރުން ވަނީ ރާއްޖޭގައި ދަރިމައިވުމުގެ ފަރުވާ ދޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފައެވެ. މި ހިދުމަތް ރާއްޖޭގައި ފެށުމުގެ ކުރިން، ދަރިމައިވުމުގެ މައްސަލަތައް ހުންނަ ދެމަފިރިންނަށް ޖެހެނީ ބޮޑެތި ހަރަދުތަކެއް ކޮށްގެން ރާއްޖެއިން ބޭރަށް ދާށެވެ. ބޭސްފަރުވާއަށް ރާއްޖެއިން ބޭރުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެންޖެހުމާއި، ދަތުރުފަތުރާއި ހުރުމުގެ ހަރަދުތަކުގެ ސަބަބުން ގިނަ އާއިލާތަކަށް އޮތީ ބޮޑު ތަކުލީފަކަށް ވެފައެވެ. ނަމަވެސް ޓްރީ ޓޮޕްގައި މި ފަރުވާ ފެށުމާއެކު، އެފަދަ އާއިލާތަކަށް ކުރިމަތިވަމުންދިޔަ މާލީ އަދި ނަފްސާނީ ދަތިތަކަށް ބޮޑު ލުޔެއް ލިބިގެން ގޮސްފައިވާ ކަމަށް ހޮސްޕިޓަލުން ފާހަގަކުރެއެވެ.
އައިވީއެފް މެދުވެރިކޮށް 100 ވަނަ ކުއްޖާ އުފަންވުމަކީ ހަމައެކަނި އަދަދެއް ނޫން ކަމަށާއި، އެއީ ހޮސްޕިޓަލަށް އިތުބާރުކުރި 100 އާއިލާއެއްގެ އުންމީދުތައް ހަގީގަތަކަށް ވެގެންދިޔަ ކަމުގެ ރަމްޒެއް ކަމަށް ބަޔާނުގައިވެއެވެ. ކޮންމެ ކާމިޔާބު މާބަނޑުވުމަކާއި ކޮންމެ އުފަންވި ކުއްޖަކީ، އެ ސެންޓަރުގެ ސްޕެޝަލިސްޓުންނާއި، އެމްބްރިއޮލޮޖިސްޓުންނާއި، ނަރުހުން އަދި އެހެނިހެން މުވައްޒަފުން ކުރަމުންދާ އިހްލާސްތެރި މަސައްކަތުގެ ހެއްކެއް ކަމަށްވެސް ޓްރީ ޓޮޕުން ބުނެފައިވެއެވެ. ރާއްޖޭގައި މިފަދަ ޒަމާނީ ފަރުވާއެއް ލިބެން ހުރުމަކީ، އަމިއްލަ ގައުމުގައި ތިބެގެން، އާއިލާގެ އެހީތެރިކަމާއެކު މި ފަރުވާ ހޯދުމުގެ ފުރުސަތު ލިބި، ބަލިމީހުންނަށް ނަފްސާނީ ގޮތުންވެސް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމަށް އެ ހޮސްޕިޓަލުން ދެކެއެވެ.
މި ކާމިޔާބީއާ ގުޅޭގޮތުން ޓްރީ ޓޮޕް ހޮސްޕިޓަލުގެ ފާޓިލިޓީ ސެންޓަރުގެ ދަރިމައިވުމުގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރު، ޑރ. އަނީތާ ގޯރު ވިދާޅުވީ، "100 ކުދިން އުފަންވުމަކީ މުޅި ޓީމަށާއި ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް. ކޮންމެ ކާމިޔާބު ވާހަކައެއްގެ ފަހަތުގައި ވަނީ ދަރިއަކު ހޯދުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީ އާއިލާއެއް. މިފަދަ މުހިންމު ދަތުރެއްގެ ބައިވެރިއަކަށް ވުމަކީ އަޅުގަނޑުމެންނަށް ލިބޭ ބޮޑު ޝަރަފެއް.” ކަމަށެވެ.
މި ސެންޓަރުގެ ކާމިޔާބީ ބިނާވެފައިވަނީ ތަޖުރިބާކާރު ޑޮކްޓަރުންނާއި، އެމްބްރިއޮލޮޖިސްޓުންނާއި، ނަރުހުންގެ އިތުރުން އެހެނިހެން މުވައްޒަފުން ހިމެނޭ ހުނަރުވެރި ޓީމެއްގެ މައްޗަށެވެ. ދަރިމައިވުމުގެ މައްސަލަތަކަށް ހާއްސަ ޑޮކްޓަރުންގެ ގޮތުގައި މި ޓީމުގައި ހިމެނެނީ ޑރ. އަނީތާ ގޯރުގެ އިތުރުން ޑރ. ޒަކިއްޔާ އަހުމަދު އަދި ޑރ. ވަރުޝާ ރެންގަރާޖްއެވެ. ވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި އެ ސެންޓަރުން ވަނީ ދަރިމައިވުމުގެ ފަރުވާގެ ދާއިރާ އިތުރަށް ފުޅާކޮށްފައެވެ. އޭގެ ތެރޭގައި އައިވީއެފް، އައިޔޫއައި، ދަރިމައިވުމާ ގުޅޭ ތަހުލީލުތައް އަދި ކޮންމެ ބަލިމީހަކަށް ވަކިން ބޭނުންވާ ހާއްސަ ފަރުވާގެ ޕްލޭންތައް އެކުލަވާލުން ހިމެނެއެވެ. މީގެ ސަބަބުން، ބަލިމީހާގެ ހާލަތާ ގުޅޭގޮތުން އެންމެ އެކަށީގެންވާ ފަރުވާ ދިނުމުގެ ފުރުސަތު ފަހިވެގެންދެއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނި ގޮތުގައި، ކުރިއަށް އޮތް ތަނުގައިވެސް އެ ހޮސްޕިޓަލުން މަސައްކަތްކުރާނީ އޯގާތެރިކަމާއެކު، އެންމެ ޒަމާނީ ވަސީލަތްތަކާއި އާ ސައިންޓިފިކް ހޯދުންތަކުގެ އަލީގައި ދަރިމައިވުމުގެ ފަރުވާ ފޯރުކޮށްދިނުމަށެވެ. އަދި އާއިލާއެއް ބިނާކުރުމުގެ މުހިންމު ދަތުރުގައި އެ ހޮސްޕިޓަލަށް އިތުބާރުކުރި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފައިވެއެވެ. ފާޓިލިޓީ ސެންޓަރުގެ ހިދުމަތްތަކާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ހޮސްޕިޓަލުގެ ހޮޓްލައިން 3351610 އަށް ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެއެވެ.
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް
ޓްރީޓޮޕް ހޮސްޕިޓަލް