ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން ބުނީ މިރޭގެ ވަގުތެއްގައި ރައީސް ސިންގަޕޫރަށް ވަޑައިގެންފައިވަނީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އެ ދަތުރުފުޅާ ގުޅޭ އިތުރު ތަފްސީލެއް ރައީސް އޮފީހުން ދީފައެއް ނުވެއެވެ.

މިއީ ވެރިކަމަށް ވަޑައިގެންނެވި ފަހުން ސިންގަޕޫރަށް ރައީސް ކުރައްވާ ހަވަނަ ނުރަސްމީ ދަތުރުފުޅެވެ. އެންމެ ފަހުން އެ މަނިކުފާނު ސިންގަޕޫރަށް ވަޑައިގެންނެވީ މިދިޔަ އަހަރުގެ ޑިސެމްބަރު 27 ގައެވެ. އެ ދަތުރުފުޅުގައި ރައީސްގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ނުރަސްމީ ދަތުރުފުޅެއްގައި ރައީސް އެންމެ ފުރަތަމަ ސިންގަޕޫރަށް ވަޑައިގެންނެވީ 2024 އަހަރުގެ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ. އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ 24 ގައެވެ.

އެ ފަހުން ރައީސްގެ ދެކަނބަލުން ވަނީ 2024 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސްގެ ދެ ކަނބަލުން ރާއްޖެ ވަޑައިގެންނެވީ އެ މަހުގެ ފަސްވަނަ ދުވަހުއެވެ. އޭގެ ފަހުން 2024 ވަނަ އަހަރުގެ އޯގަސްޓު 27 ގައި ވެސް ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވިއެވެ.

އެއަށްފަހު ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރެއްވީ މިދިޔަ އަހަރުގެ ޖުލައި މަހުގެ 31 ގައެވެ. އެ ދަތުރުފުޅަށްފަހު ރައީސްގެ ދެކަނބަލުން ރާއްޖެ ވަޑައިގެންނެވީ މިދިޔަ އަހަރުގެ އޯގަސްޓް މަހުގެ 5 ގައެވެ.

އޭގެ އިތުރުން ރައީސް މުއިއްޒު ވަނީ ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން 30 އޮކްޓޯބަރު 2023 ގައި އާއިލީ ދަތުރުފުޅެއްގައި ސިންގަޕޫރަށް ވަޑައިގެންފައެވެ. އެ ދަތުރުފުޅަށްފަހު ރައީސް ރާއްޖެ ވަޑައިގެންނެވީ 4 ނޮވެމްބަރު 2023 ގައެވެ.