ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ) އިން މިއަހަރުގެ އަޟްހާ އީދުގެ ފޯރިއާއި ކުލަގަދަ ސަގާފީ ހަރަކާތްތައް ދުނިޔެއަށް ދައްކާލުމަށްޓަކައި ރ. މީދޫގައި ހާއްސަ ކަވަރޭޖެއް ކުރިއަށްގެންދަން ނިންމައިފިއެވެ.
މި މަހުގެ 26 އިން 30 އަށް ކަމަށް ކުރިއަށްގެންދާ އެ ކަވަރޭޖަކީ ރާއްޖޭގެ ރަށެއްގައި އީދު ފާހަގަކުރާ ގޮތް ބައިނަލްއަގުވާމީ ފެންވަރެއްގައި ޕްރޮމޯޓުކުރުމަށް ވީއެމްސީން ފަށާ އާ މަސައްކަތެކެވެ.
ވީއެމްސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މި ހަރަކާތުގެ މައިގަނޑު މަގުސަދަކީ ރާއްޖެއަކީ ހަމައެކަނި މަތީ ފަންތީގެ ފަތުރުވެރިކަމަށް މަޝްހޫރު މަންޒިލެއްގެ ބަދަލުގައި، މުއްސަނދި ސަގާފަތަކާއި އަމިއްލަވަންތަ އާދަކާދަތަކެއް އޮންނަ ގައުމެއްކަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ދައްކައިދިނުމެވެ. ފަސް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ކަވަރޭޖުގައި ރަށުގެ އީދު ފޯރިއާއި އާދަކާދަތަކުގެ އިތުރުން، އެ ހަރަކާތްތަކުގެ ފަހަތުގައިވާ މުހިންމު ވާހަކަތައް ވީޑިއޯ ރިޕޯޓުތަކާއި ސޯޝަލް މީޑިއާ ޕޯސްޓުތައް މެދުވެރިކޮށް ގެނެސްދޭނެއެވެ. މިއީ ރާއްޖޭގެ ރަށްތަކުގެ ދިރިއުޅުމާއި މުޖުތަމައުގެ ބަދަހިކަން ދައްކުވައިދީ، ފަތުރުވެރިކަމުގެ ތަޖުރިބާއާއި ދިވެހި ސަގާފަތް ގުޅުވާލުމަށް ކުރާ މުހިންމު މަސައްކަތެއް ކަމަށް ވީއެމްސީން ފާހަގަކުރެއެވެ.
މި ކަވަރޭޖުގެ ތެރެއިން ދައްކާލާނެ މުހިންމު ސަގާފީ ކަންކަމުގެ ތެރޭގައި ވެދުމާ ދިއުމާއި، ބޮޑުމަސް ބޭނުމާއި، މާލި ނެރުމުގެ އިތުރުން ކޯޑި ކެނޑުން ފަދަ އެންމެ ކުރީ ޒަމާނުން ފެށިގެން ދިވެހިންގެ ތެރޭގައި ބޮޑު އީދު ފާހަގަކުރުމަށް ކުޅެމުން އަންނަ ކުޅިވަރުތައް ހިމެނެއެވެ. ވީއެމްސީގެ ޓީމުން މީދޫގައި ހަރަކާތްތެރިވަމުންދާ އިރު، މި ހުރިހާ ކުޅިވަރެއްގެ ތަފްސީލުތައް އެ ކޯޕަރޭޝަނުގެ ވެބްސައިޓާއި ސޯޝަލް މީޑިއާ މަންސަތައް މެދުވެރިކޮށް ވަގުތުން ގެނެސްދޭނެއެވެ. މީގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރަން ގަސްތުކުރާ ފަތުރުވެރިންނަށް ދިވެހިންގެ އާދަކާދަތަކާ މެދު ޝައުގުވެރިކަން އުފެދިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ދެކެއެވެ.
މި ކެމްޕޭނާ ގުޅޭގޮތުން ވިޒިޓް މޯލްޑިވްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ ވިދާޅުވީ، ރާއްޖެއަކީ ހަމައެކަނި ގުދުރަތީ ރީތިކަމެއް އޮންނަ ތަނެއް ނޫން ކަމަށާއި، އެއީ މުއްސަނދި ސަގާފަތަކާއި އާދަކާދަތަކެއް އޮންނަ ގައުމެއް ކަމަށެވެ.
"މި ކެމްޕޭނުގެ ސަބަބުން ދުނިޔޭގެ އެކި ކަންކޮޅުތަކުގެ މީހުންނަށް ދިވެހި އީދުގެ އުފާވެރިކަމާއި ފަންނުވެރިކަން އިހުސާސް ކުރެވޭނެ،" ޝިއުރީ ވިދާޅުވިއެވެ. އޭނާ އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިއީ ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެކެވެ.
މީދޫގައި މި ހަރަކާތްތައް ރާވައި ހިންގުމުގައި އެ ރަށުގެ ރައްޔިތުންނާއި، ރަށުގެ ޓީމުތަކުގެ އިތުރުން މީދޫ ކައުންސިލުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ވީއެމްސީން ވަނީ ޝުކުރު އަދާކޮށްފައެވެ. މި ކެމްޕޭނުގެ ދަށުން ދުވަހުން ދުވަހަށް ގެނެސްދޭ ކަވަރޭޖަށްފަހު، މީދޫގެ އީދު ހަރަކާތްތަކާއި ސަގާފަތާ ގުޅޭ ތަފާތު ޑޮކިއުމެންޓަރީތަކާއި އިންޓަވިއުތައް ހިމެނޭ ހާއްސަ ވީޑިއޯތަކެއް އަންނަ މަހުގެ ތެރޭގައި ވީއެމްސީގެ ޔޫޓިއުބް ޗެނަލުން އާންމުކުރާނެއެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަން އިތުރު ހަރުފަތަކަށް ގެންގޮސް، ލޯކަލް ޓޫރިޒަމް ފުޅާކުރުމަށް މަގުފަހިވެގެންދާނެ ކަމެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން