ހިމަބިހި ޖެހިފައިވާ މީހުންގެ އަދަދު އިތުރުވަމުންދާތީ، އައިޖީއެމްއެޗްގައި ހެލްޕް ޑެސްކެއް ގާއިމުކޮށްފިއެވެ.
ރާއްޖެއިން ނައްތާލާފައިވާ ހިމަބިއްސަށް މިމަހުގެ 13 ވަނަ ދުވަހު ވަނީ ދެ މީހަކު ޕޮޒިޓިވްވެފައެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިދިޔަ ބުދަ ދުވަހު ބުނެފައިވާ ގޮތުގައި މިއަހަރުގެ ތެރޭ އެ ބައްޔަށް ހަތް މީހަކު ޕޮޒިޓިވްވެ، އެ ކޭސްތަކުގެ 74 އަށްވުރެ ގިނަ ކޮންޓެކްޓުން ވަނީ ފާހަގަވެފައެވެ.
އައިޖީއެމްއެޗުން އިއްޔެ ބުނީ މި ދުވަސްވަރު ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ، ހުމާއެކު ރަތްކުލައިގެ ބިހީގެ އަލާމާތެއް ހުރި ބަލިމީހުންނަށް ބޭނުންވާ އެހީތެރިކަން އަވަހަށް ފޯރުކޮށްދިނުމަށްޓަކައި ބޮޑެތި މީހުންނަށް ކުއްލި ފަރުވާދޭ ބައި (މެއިން އީއާރް)ގެ އެމްބިއުލަންސް ޕޯޓިކޯ ކައިރީގައި ހެލްޕް ޑެސްކެއް ގާއިމުކޮށް، ހެނދުނު 8:00 އިން ރޭގަނޑު 11:00 އަށް އެ ހެލްތު ޑެސްކުގެ ހިދުމަތް ދެމުންގެންދާނެ ކަމަށެވެ.
އެއްވެސް މީހެއްގެ ކިބައިން ހުމާއެކު ރަތްކުލައިގެ ބިހި ނެގުން ފަދަ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، ޑޮކްޓަރަށް ދެއްކުމަށް ހެލްޕް ޑެސްކަށް ރިޕޯޓުކުރުމަށް އިލްތިމާސްކުރާ ކަމަށާއި އެތަނުގެ މުވައްޒަފުން ކުރިއަށްދާނެ ގޮތުގެ އިރުޝާދު ދޭނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
އައިޖީއެމްއެޗުން ބުނީ ރޭގަނޑުގެ 11:00 ގެ ފަހުން ހުމާއެކު ރަތްކުލައިގެ ބިހީގެ އަލާމާތެއް ހުރި ބަލިމީހުން ކުއްލި ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހޮސްޕިޓަލަށް ގޮސް، ބޮޑެތި މީހުންނާއި މާބަނޑު އަންހެނުން މެއި އިމަޖެންސީ ތޫމްގެ ޓްރިއަޖްގެ ނަރުހަށް އެންގުމަށް އެދޭ ކަމަށާއި އަދި ކުޑަކުއްޖެއް ނަމަ، އިމަޖެންސީ ރޫމްގެ ޓްރިއަޖް ނަރުހަށް އެނގުމަށް އެދޭ ކަމަށެވެ.
ބަލި ފެތުރުން ކޮންޓްރޯލުކުރުމަށްޓަކައި، ހުން އައިސް ރަތްކުލައިގެ ބިހި ނަގާފައިވާ މީހުން ހޮސްޕިޓަލަށް ދާއިރު، މާސްކު އެޅުމަށް ހާއްސަ ސަމާލުކަމެއްދީ، އެހީތެރިންގެ ގޮތުގައި ވީހާވެސް މަދު ބަޔަކު ދިއުމަށް ވެސް އައިޖީއެމްއެޗުން ވަނީ އިލްތިމާސްކޮށްފައެވެ.
މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައާއި އަދި އަވަށްޓެރި ގައުމުތަކުގައި ވެސް ހިމަބިހި ފެތުރޭ މިންވަރު އިތުރު ދުވަސްވަރެކެވެ.
އައިޖީއެމްއެޗް