އެބޯލާ ވައިރަސް އާއި ހަންޓާ ވައިރަސް ރާއްޖެ އައުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، ރާއްޖެއަކީ ގްލޯބަލް ޕެންޑަމިކްތަކާ ގުޅިގެން އަބަދުވެސް ވަރަށް ހަރުދަނާ ސިޔާސަތުތަކެއް ގެންގުޅޭ ގައުމެއް ކަމަށެވެ. އެގޮތުން ބޯޑަރުތައް ބަންދުކުރުމާއި ސްކީރިން ޕްރޮސެސްތައް ހަރުދަނާކަން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

"ފުރަތަމަ ކަމަށް ރާއްޖެއަށް މި ދެބަލި އައުމުގެ ފުރުސަތު، ހެލްތު މިނިސްޓްރީއާއި ކަމާ ބެހޭ ފަރާތްތަކުން ވިދާޅުވަނީ ފުރުސަތު ވަރަށް ކުޑައޭ" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ، ރާއްޖެއަށް އެ ދެ ވައިރަސް އައުމުގެ ފުރުސަތު ކުޑަނަމަވެސް "އާޖެންސީގައި އެލާޓު" ގައި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މުންދު ވިދާޅުވީ، މިހާރުވެސް ރާއްޖެއަށް އެތެރެވާ ފަރާތްތައް އޮންނަ ޕްރޮޓޮކޯލްގެ ތެރެއިން ސްކްރީން ކުރެވޭ ކަމަށެވެ.

މި ފަހުން ކްރޫޒް ޝިޕެއްގައި ހަންޓާވައިރަސްގެ ބާވަތެއް ކަމަށްވާ 'އެންޑީސް ވައިރަސް' ފެތުރުމާ ގުޅިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި އެމެރިކާގެ ސެންޓާސް ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން އާންމު ސިއްހަތަށް އޮތް ނުރައްކާ ވަޒަން ކުރަން ވަނީ ފަށައިފަައެވެ.

މިދިޔަ މެއި މަހުގެ ކުރީކޮޅު އެޓްލާންޓިކް ކަނޑުގައި ދަތުރުކުރި 'އެމްވީ ހޮންޑިއަސް' ކްރޫޒް ޝިޕްގައި ފެތުރުނު މި ރޯގާގައި އަށް މީހަކަށް ބަލިޖެހި، ތިން މީހުން ވަނީ މަރުވެފައެވެ.

މީގެ އިތުރުން އެބޯލާގެ އާ އައުޓްބްރޭކެއް ވެސް ވަނީ އެފްރިކާގެ ގައުމުތަކުގައި ފެތުރެން ފަށައިފައެވެ. އެއާއެކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިޔުއެޗްއޯ އިން ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާނުކޮށްފައެވެ.