ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި، ހޮރުމުޒް ކަނޑުއޮޅީގައި އީރާނުގެ ކަނޑުގެ ސިފައިން ހަރަކާތްތެރިވުން އިތުރުވުމާ ގުޅިގެން، އެމެރިކާ ސަރުކާރުން އަސްކަރީ ފިޔަވަޅުތަކެއް އެޅުމާމެދު މަޝްވަރާކުރަން ފަށައިފިއެވެ.
މި މަޝްވަރާތައް ފަށާފައި ވަނީ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް، ހަކަތައިގެ ބާޒާރަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމުގެ މަގުސަދުގައެވެ.
މި މައްސަލައިގެ ސަބަބުން ހަކަތައިގެ ބާޒާރަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރައިފައެވެ. ދުނިޔޭގެ ހަކަތައިގެ ސަޕްލައިގެ 20 އިންސައްތަ ނުވަތަ ދުވާލަކު ގާތްގަނޑަކަށް 14 މިލިއަން ފީފާގެ ތެޔޮ އުފުލަނީ ހޮރުމުޒް ކަނޑުއޮޅި ހުރަސްކޮށެވެ.
ރާކުޓެން ސެކިއުރިޓީޒްގެ މާކެޓް އެނަލިސްޓް ސަޓޯރޫ ޔޮޝީޑާ ވިދާޅުވި ގޮތުގައި، މެދުއިރުމަތީގެ ނުތަނަވަސްކަން ދެމިއޮންނާނެ ކަމަށް ބެލެވޭތީ ތެލުގެ އަގު ދަނީ އުފުލެމުންނެވެ. މިހާރު ބްރެންޓް ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 104 ޑޮލަރަށްވުރެ މައްޗަށް ގޮސްފައިވާ އިރު، މި ހާލަތު ދިގުލައިގެން ހިނގައްޖެނަމަ ފީފާއެއްގެ އަގު 120 އާއި 150 ޑޮލަރާ ދެމެދަށް އުފުލިދާނެ ކަމަށް ދިފާއީ އަދި އިގުތިސާދީ ތަޖުރިބާކާރުން ލަފާކުރެއެވެ.
ވައިޓް ހައުސްގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނާ އެކު ކުރިއަށްދާ ސުލްހައިގެ މަޝްވަރާތައް ކާމިޔާބު ނުވެއްޖެނަމަ އަސްކަރީ ހަމަލާތައް އަލުން ފަށާނެ ކަމުގެ އިންޒާރު ދެއްވައިފައެވެ. އެމެރިކާއިން ބާރުއަޅަނީ ބައިނަލްއަގުވާމީ ވިޔަފާރިއަށް ހުރަހެއް ނެތި ކަނޑުދަތުރުފަތުރު ކުރެވޭނެ މަގު ފަހިކުރުމަށާއި ތެޔޮ އުފުލާ ބޯޓުފަހަރަށް ހުރަސް ނޭޅުމަށެވެ.
އަނެއްކޮޅުން އީރާނުގެ ސަރުކާރުގެ އޮފިޝަލުން ބުނި ގޮތުގައި، ވޮޝިންޓަނާ އެކު އަދި ވަކި އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ. އީރާނުގެ ކަނޑުގެ ސިފައިން ބުނެފައި ވަނީ، ހޮރުމުޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ސަލާމަތްތެރިކަން ފޯރުކޮށްދެނީ އެ ގައުމުން ކަމަށާއި ދަތުރުކުރެވޭނީ އީރާނުގެ ހުއްދަ ހޯދައިގެން ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ އިސް އޮފިޝަލުންނާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ދެ ގައުމުގެ ދެމެދުގައި ހުރި ހިޔާލުތަފާތުވުންތައް ކުޑަވި ނަމަވެސް، އަދިވެސް ގޮންޖެހުންތައް އެބަހުއްޓެވެ. މި ދެބަސްވުންތަކުގެ ސަބަބުން ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ގެއްލި، ދުނިޔޭގެ ހަކަތައިގެ ބާޒާރުގެ އަގުތަކަށް އަންނަނީ ބޮޑެތި ބަދަލުތަކެއް އަންނަމުންނެވެ.
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި
ހޮރްމުޒް ކަނޑުއޮޅި