ރާއްޖެ އެތެރެކުރުމުގެ ހުއްދައާއި ރަޖިސްޓްރީ ނެތި ވިއްކަމުންދާ 21 ބޭހެއްގެ މައުލޫމާތު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އާންމުކޮށްފިއެވެ.

އެމްއެފްޑީއޭއިން އެކްސްގައި މިއަދުކުރި ޕޯސްޓެއްގައި ބުނީ ރާއްޖެއަށް ބޭސް އެތެރެކުރެވޭނީ ކަނޑައެޅިފައިވާ އުސޫލުތަކުގެ ދަށުން ރަޖިސްޓްރީކޮށް، އެ އޮތޯރިޓީގެ ހުއްދަ އޮންނަ ބޭސްތަކުގެ ލިސްޓުގައި ހިމެނޭ ތަކެތި ކަމަށެވެ. ނަމަވެސް، ބޭސް އެތެރެކުރުމުގެ ހުއްދަ ނެތް ފަރާތްތަކުން ގަވާއިދާ ހިލާފަށް އެކި ބާވަތްތަކުގެ ބޭސް އެތެރެކޮށް، އޮންލައިންކޮށް އަދި އާދައިގެ ފިހާރަތަކުގައިވެސް ވިއްކަމުންދާކަން ވަނީ ފާހަގަކުރެވިފައެވެ.

އެމްއެފްޑީއޭއިން އާންމުކުރި ލިސްޓުގައި ހިމެނެނީ:

  • ތަދު ކަނޑުވަން އުނގުޅާ ބޭސްތައް
  • ހަމުގެ ބަލިތަކަށް ބޭނުންކުރާ ބޭސް
  • ރޯގާއަށް ބޭނުންކުރާ ބޭސް
  • ހަކުރު ބަލީގެ މީހުން ބޭނުންކުރާ ބޭސްތައް

އެ ބޭސްތަކަކީ އޭގެ ފެންވަރާއި، ރައްކާތެރިކަން ކަށަވަރު ކުރެވިފައިވާ ތަކެއްޗެއް ނޫންކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އަދި ބޭހުގައި ހިމެނޭ މާއްދާތަކަކީ ކޮބައިކަން ޔަގީން ނުކުރެވޭތީ، އެފަދަ ތަކެތި ބޭނުންކުރުމަކީ ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކަކާ ކުރިމަތިލާންޖެހިދާނެކަމަށް އެމްއެފްޑީއޭއިން ބުންޏެވެ.

އެފަދަ ބޭސްތައް ރާއްޖެއަށް އިމްޕޯޓުކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުމަކީ މަނާކަމެއްކަމަށް އެމްއެފްޑީއޭއިން ބުންޏެވެ. އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، އެ އޮތޯރިޓީގެ ހޮޓްލައިން ނަންބަރު 7200321 އަށް ގުޅުމަށް އެމްއެފްޑީއޭއިންވަނީ އެދިފައެވެ.