އިންޑިއާގެ އުތުރުގެ ސްޓޭޓްތަކެއް ކަމަށްވާ ޕަންޖާބާއި ހަރިޔާނާއަށް އާދަޔާ ހިލާފަށް ހޫނުގަދަވާނެކަމަށް ލަފާކޮށް، އެ ގައުމުގެ މޫސުމާބެހޭ އިދާރާ (އައިއެމްޑީ) އިން އެ ސަރަހައްދުތަކަށް އޮރެންޖު އިންޒާރު ނެރެފިއެވެ.

އައިއެމްޑީން ބުނި ގޮތުގައި، ކުރިއަށް އޮތް ދުވަސްތަކުގައި ޕަންޖާބާއި ހަރިޔާނާގެ ދެކުނާއި ހުޅަނގުގެ ސަރަހައްދުތަކުގެ ފިނިހޫނުމިން 45 އާއި 47 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް މައްޗަށް ދާނެކަމަށް ބެލެވެއެވެ. މި ހޫނުގެ އަސަރު މެއި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ދެމިގެންދާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ. އޮރެންޖު އިންޒާރަކީ މޫސުން ގޯސްވުމުގެ ސަބަބުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އަންގައި ނެރޭ އިންޒާރެކެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕަންޖާބުގެ ފަރީދުކޯޓުގެ ފިނިހޫނުމިން މިހާރުވެސް ވަނީ 47.3 ޑިގްރީ ސެލްސިއަސްއަށް އަރައިފައެވެ. ހަރިޔާނާގެ ރޯހްތަކްގެ ފިނިހޫނުމިން ވަނީ 46.9 ޑިގްރީ ސެލްސިއަސްގައި ރެކޯޑުކުރެވިފައެވެ. މިއީ އާންމުކޮށް މި ދުވަސްވަރު އެ ސަރަހައްދުތަކުގައި ހޫނުމިން ހުންނަ ވަރަށްވުރެ މަތީ މިންވަރެކެވެ.

ހޫނުގަދަވުމުގެ ސަބަބުން ސިއްހީ މައްސަލަތައް ދިމާވެދާނެތީ، އައިއެމްޑީން ވަނީ އާންމުންނަށް ރައްކާތެރިކަމުގެ އިރުޝާދުތަކެއް ދީފައެވެ. އެގޮތުން، އިރުގެ އަލީގައި ގިނަ ވަގުތު ހޭދަ ނުކުރުމަށާއި، ގިނަގިނައިން ފެން ބުއިމަށާއި، އޯއާރުއެސް ފަދަ ދިޔާތަކެތި ބޭނުންކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ. ހާއްސަކޮށް ކުޑަކުދީންނާއި، އުމުރުން ދުވަސްވީ މީހުންނާއި، މާބަނޑު މީހުން އަދި ދާއިމީ ބަލިތަކަށް ފަރުވާހޯދާ މީހުން މިކަމަށް އިތުރަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އެދިފައެވެ.

އިންޑިއާގެ އުތުރުގެ ސަރަހައްދުތަކަށް މިހާރު ކުރިމަތިވެފައިވާ ހޫނުގެ ތޫފާނަކީ ރާޖަސްތާނު ސަރަހައްދުން ޖެހެމުންދާ ހޫނު އަދި ހިކި ވައިގެ ސަބަބުން މެދުވެރިވެފައިވާ ކަމެއްކަމަށް މޫސުމާބެހޭ ތަޖުރިބާކާރުން ފާހަގަކުރެއެވެ.