ސްޕެއިންގެ ސަރުކާރަށް ޓެކްސް ނުދެއްކުމުގެ މައްސަލައިގައި މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށް އެ ގައުމުގެ ހައި ކޯޓުން ނިންމައިފިއެވެ. މި ނިންމުމާއެކު، ޓެކްސްގެ ގޮތުގައި އޭނާގެ އަތުން ނަގާފައިވާ 50 މިލިއަން ޕައުންޑަށް ވުރެ ގިނަ ފައިސާ އަނބުރާ ދިނުމަށް ކޯޓުން ވަނީ ސްޕެއިންގެ ސަރުކާރަށް އަންގާފައެވެ.
ރޮއިޓާސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލައަކީ 2011 ވަނަ އަހަރު ޝަކީރާ ސްޕެއިންގައި ދިރިއުޅުނު މުއްދަތާ ގުޅޭގޮތުން އުފެދުނު މައްސަލައެކެވެ. ސްޕެއިންގެ ގާނޫނު އޮންނަ ގޮތުން، އެ ގައުމުގެ ޓެކްސް ރެޒިޑެންޓެއްގެ ގޮތުގައި ބެލެވެނީ އަހަރެއްގެ ތެރޭގައި 183 ދުވަހަށް ވުރެ ގިނަ ދުވަހު އެ ގައުމުގައި ދިރިއުޅޭ ނަމައެވެ. ނަމަވެސް، 2011 ވަނަ އަހަރު ޝަކީރާ ސްޕެއިންގައި ހޭދަކޮށްފައިވަނީ 163 ދުވަސްކަން ކޯޓަށް ސާބިތުވެފައިވާތީ، އޭނާގެ އަތުން ޓެކްސް ނެގުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމާ ގުޅިގެން ޝަކީރާ ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އޭނާ އެއްވެސް އިރެއްގައި ޓެކްސްއަށް މަކަރުހަދާފައި ނުވާނެއެވެ. އަދި މިއީ އޭނާގެ އަގުވައްޓާލުމަށް ބަޔަކު ރާވައިގެން ކުރި ކަމެއް ކަމަށާއި، ކޯޓުގެ ނިންމުމާއެކު ހަގީގަތް ހާމަވެއްޖެ ކަމަށް އޭނާ ބުންޏެވެ. ޝަކީރާގެ ގާނޫނީ ވަކީލު ޖޯސޭ ލުއިސް ޕްރާޑާ ވިދާޅުވި ގޮތުގައި، މިއީ އަށް އަހަރު ދުވަހުގެ އުނދަގޫ މަރުހަލާއަކަށްފަހު ލިބުނު އިންސާފެކެވެ.
ކޯޓުގެ ނިންމުމާއެކު، ޖޫރިމަނާއާއި އިންޓަރެސްޓާއެކު ޖުމްލަ 60 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 50 މިލިއަން ޕައުންޑް) ޝަކީރާއަށް އަނބުރާ ލިބޭނެ ކަމަށް ބެލެވެއެވެ. ނަމަވެސް، ސްޕެއިންގެ ޓެކްސް އިދާރާއިން ބުނެފައިވަނީ މި މައްސަލަ އެ ގައުމުގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށެވެ. އަދި އިސްތިއުނާފުގެ މަރުހަލާ ނިމެންދެން ފައިސާ ދޫނުކުރާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ބުނެފައެވެ. މީގެ ކުރިން 2023 ވަނަ އަހަރުވެސް ޝަކީރާ ވަނީ ޓެކްސްގެ އެހެން މައްސަލައެއްގައި ސްޕެއިންގެ ސަރުކާރާއެކު އެއްބަސްވުމަކަށް އައިސް، ޖޫރިމަނާއެއް ދައްކާފައެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން