ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ މާލީ ހިސާބުތައް ހިމެނޭ ބަޔާން މިއަދު އާންމުކުރައްވައިފިއެވެ.
މިއީ ގާނޫނުއަސާސީގެ 120 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކު އޮޑިޓާ ޖެނެރަލަށް ހުށަހަޅުއްވަންޖެހޭ މާލީ ބަޔާނެކެވެ.
މާލީ ބަޔާނުގައިވާ ގޮތުން ރައީސްގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ ތިން އެކައުންޓެއްގައި ޖުމްލަ 1.8 މިލިއަން ރުފިޔާ އެބަހުއްޓެވެ. އޭގެ އިތުރުން އެ މަނިކުފާނުގެ މިލްކިއްޔާތުގައި ހިމެނޭ މުދަލުގެ ތެރޭގައި 5.5 މިލިއަން ރުފިޔާގެ ރޯހައުސްއަކާއި، 260,000 ރުފިޔާގެ ކާރެއް ހިމެނެއެވެ.
އަދި ވާރުތައިން ލިބިފައިވާ މާލޭ "ދިމްޔާތު" އާއި، 150,000 ރުފިޔާގެ އަގުހުރި ހއ. ވަށަފަރުގައިވާ "ދިމްޔާތު" ގޯއްޗާއި، ހިބައިން ލިބިފައިވާ މ. ފިގް ވެސް އެމަނިކުފާނުގެ މިލްކިއްޔާތުގައި ހިމެނެއެވެ.
ދަރަނީގެ ތަފްސީލަށް ބަލާއިރު، މޯލްޑިވްސް ފައިނޭންސް އެންޑް ލީސިން ކޮމްޕެނީ (އެމްއެފްއެލްސީ)އަށް ރައީސް 1.3 މިލިއަން ރުފިޔާ ދައްކަވަން އެބައޮތެވެ.
އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނަމުގައި އެއްވެސް ލޯނެއް ނެތްކަން ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.
އާމްދަނީގެ ގޮތުގައި ފާއިތުވި ހަ މަސް ދުވަހުގެ ތެރޭގައި ރައީސަށް މުސާރައިގެ ގޮތުގައި 285,024 ރުފިޔާ ލިބިވަޑައިގަތެވެ. އަދި ހުޅުމާލޭ ރޯހައުސް އާއި މ. ފިގް އިން ކުލީގެ ގޮތުގައި ޖުމްލަ 420,000 ރުފިޔާ ލިބިފައިވެއެވެ.
މީގެ ތެރެއިން މ. ފިގް އިން ލިބުނު 180,000 ރުފިޔާއަކީ އާއިލާއިން ހަދިޔާކުރި ފައިސާ ކަމަށް ބަޔާނުގައިވެއެވެ.
ސާޖިދާގެ މާލީ ތަފިސީލަށް ބަލާއިރު، އެކަމަނާއަށް ފާއިތުވި ހަ މަސް ދުވަހު ފަސްޓް ލޭޑީގެ އެލަވަންސްގެ ގޮތުގައި 199,999 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ. އަދި ދިމްޔާތު ކުންފުނީގެ މުސާރައިގެ ގޮތުގައި 78,000 ރުފިޔާ އާއި ހެލްތު މިނިސްޓްރީގެ ކޮންސަލްޓަންސީން 4,927 ރުފިޔާ ލިބިވަޑައިގެންފައިވެއެވެ .
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު