ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އިޝާން ހައްޓަރަށް، އިންޑިއަން އާމާޑް ކޯޕްސްގެ 45 ކެވަލްރީގެ އޮނަރަރީ މެމްބަރުކަން ދީފިއެވެ.
އިޝާނަށް މި ޝަރަފު ދީފައިވަނީ 2023 ވަނަ އަހަރު ނެރުނު ފިލްމު "ޕިއްޕާ" ގައި އޭނާ އަދާކުރި ކެޕްޓަން ބަލްރާމް ސިންގް މެހެތާގެ ރޯލާ ގުޅިގެންނެވެ. އިންޑިއާގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، މި ޝަރަފު އޭނާއަށް އެރުވީ 45 ކެވަލްރީގެ އޮފިސަރެއްގެ ރޯލު ވަރަށް ފުރިހަމައަށް އަދާކުރުމުގެ އިތުރުން، އެ ރެޖިމެންޓުގެ އުސޫލުތަކަށް އޭނާ ބެހެއްޓި އިހުތިރާމް ފާހަގަކުރުމުގެ ގޮތުންނެވެ.
މިކަމާ ގުޅިގެން އިޝާން އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނީ، މިއީ އޭނާގެ ހަޔާތުގައި ލިބުނު އެންމެ ބޮޑު އެއް ޝަރަފު ކަމަށެވެ. އަދި މިހާރު އެއީ އޭނާގެ އަމިއްލަ ރެޖިމެންޓް ކަމަށް ފަހުރުވެރިކަމާއެކު ބުނެވޭނެ ކަމަށްވެސް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، އަސްކަރީ ދިރިއުޅުމާ ވަރަށް ދުރު މާހައުލަކުން އައި މީހަކަށް މިފަދަ ޝަރަފެއް ލިބުމަކީ ގަބޫލުކުރަންވެސް ދަތި އުފާވެރިކަމެއް ކަމަށް އޭނާ ބުންޏެވެ.
އެކްސްއެލްވީ އޮފިސާސް މެސްގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިޝާނަށް ވަނީ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. އިންޑިއަން އާމާޑް ކޯޕްސްގެ 45 ކެވަލްރީއަކީ އިންޑިއާގެ އަސްކަރިއްޔާގެ ވަރަށް ފާހަގަކޮށްލެވޭ ރެޖިމެންޓެކެވެ. މި ރެޖިމެންޓުގެ އޮނަރަރީ މެމްބަރުކަމަކީ ގައުމީ ހިދުމަތަށް ނުވަތަ ރެޖިމެންޓުގެ ތާރީހަށް މުހިންމު ހިދުމަތްތަކެއް ކޮށްދޭ ފަރާތްތަކަށް ދޭ ވަރަށް ހާއްސަ ޝަރަފެކެވެ.
އިޝާން ބުނި ގޮތުގައި އޭނާ މަސައްކަތްކުރީ ފަންނާނެއްގެ ހައިސިއްޔަތުން އެ ރޯލަށް އެންމެ ފުރިހަމަ އިންސާފު ހޯދައިދިނުމަށެވެ. އަދި މި ލިބުނު ޝަރަފަކީ ކުރިއަށް އޮތް ތަނުގައި އޭނާ ކުޅޭ ކޮންމެ ރޯލަކަށްވެސް އިތުރު ހިތްވަރަކާއެކު މަސައްކަތްކުރުމަށް ލިބުނު ބާރެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް