ފަރަންސޭސިވިލާތުގައި މިހާރު ކުރިއަށްދާ 2026 ވަނަ އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ބޮލީވުޑްގެ މަޝްހޫރު ބަތަލާ ތާރާ ސުތާރިއާ ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެއެވެ. އޭނާ މި ފެސްޓިވަލްގައި ބައިވެރިވެފައިވަނީ ރެޑް ސީ ފިލްމު ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ބޭއްވި 'ވިމެން އިން ސިނަމާ ގާލާ' ގައެވެ.
ބުދަ ދުވަހު ފަރަންސޭސިވިލާތުގެ ރިވިއޭރާގައި އޮތް މި ހަރަކާތުގެ ރެޑް ކާޕެޓަށް ތާރާ ނުކުތީ 1950 އަދި 1960 ގެ އަހަރުތަކުގެ ހޮލީވުޑްގެ ތަރިންގެ ސްޓައިލް ދައްކުވައިދޭ ކަޅާއި ހުދުގެ ހެދުމެއްގައެވެ. މި ހެދުމާއެކު އޭނާގެ ފުރަތަމަ ފެނިލުމަށް ގިނަ ބައެއްގެ ސަމާލުކަން ލިބިފައިވާއިރު، މިއީ އޭނާގެ ފިލްމީ ކެރިއަރުގައި ބައިނަލްއަޤުވާމީ މައިދާނަށް ނުކުތުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މީޑިއާތަކުން ވަނީ ސިފަކޮށްފައެވެ.
މި ފެސްޓިވަލްގެ ތެރެއިން މީޑިއާތަކަށް މައުލޫމާތު ދެމުން ތާރާ ވަނީ ބައިނަލްއަގުވާމީ މައިދާނުގައި އިންޑިއާގެ ފިލްމީ ސިނާއަތަށް ލިބެމުންދާ ކުރިއެރުމާއި، އިންޑިއާގެ ހުނަރުވެރިންނަށް ލިބެމުންދާ ތަރުހީބާ ގުޅޭގޮތުން ވާހަކަދައްކާފައެވެ. “ކާންސްގައި އިންޑިއާއަށް ވަރަށް ބޮޑު ލޯތްބެއް އޮވޭ. މި އަހަރު އިންޑިއާގެ ގިނަ ހުނަރުވެރިންތަކެއް މިތަނުން ފެނުމަކީ ވަރަށް އުފާވެރި ކަމެއް،” ތާރާ ބުންޏެވެ. މީގެ އިތުރުން، ބައިނަލްއަގުވާމީ ސްޓޭޖެއްގައި އިންޑިއާގެ ސިނަމާ ތަމްސީލުކުރުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށްވެސް އޭނާ ފާހަގަކުރިއެވެ.
ތާރާ އިތުރަށް ބުނި ގޮތުގައި، ކާންސް ފަދަ ބޮޑު ފެސްޓިވަލެއްގައި ބައިވެރިވުމަކީ އާންމުކޮށް ލިބޭނެ ފުރުސަތެއް ނޫނެވެ. “މިއީ ކޮންމެ ދުވަހަކު ވާނެ ކަންކަމެއް ނޫން. އެހެންކަމުން މި މާހައުލުން ފެންނަ ހުރިހާ ކަމަކުން ތަޖުރިބާ ހޯދުމަކީ މުހިންމު ކަމެއް،” އޭނާ ބުންޏެވެ.
މި އަހަރުގެ ކާންސް ފިލްމު ފެސްޓިވަލްގައި ތާރާގެ އިތުރުން އިންޑިއާގެ އެހެނިހެން މަޝްހޫރު ތަރިން ކަމަށްވާ އާލިއާ ބަޓް އަދި ޔުރްވަޝީ ފަދަ ތަރިންވެސް ދަނީ ބައިވެރިވަމުންނެވެ. ތާރާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދަމުންދާ ފިލްމު “ޓޮކްސިކް” އިންނެވެ.
ކާންސް ފިލްމު ފެސްޓިވަލް
ކާންސް ފިލްމު ފެސްޓިވަލް
ކާންސް ފިލްމު ފެސްޓިވަލް
ކާންސް ފިލްމު ފެސްޓިވަލް