އިންޑިއާގެ ޗެންނާއީގައި ކުރިއަށްދާ މަޝްހޫރު އެކްޓަރު ރަޖްނީކާންތުގެ އާ ފިލްމު 'ޖެއިލަރ 2' ގެ ޝޫޓިން ސެޓުގައި ކަރަންޓުގައި ޖެހި ފިލްމު ކްރޫގެ މެމްބަރަކު މަރުވެއްޖެއެވެ.
މި ހާދިސާގައި މަރުވެފައިވަނީ އުމުރުން 28 އަހަރުގެ ކާރްތިކޭޔަން ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާއަކީ ފިލްމުގެ ސެޓުގައި އިލެކްޓްރިކަލް އަދި އާޓް ޑައިރެކްޝަންގެ މަސައްކަތްތައް ކުރުމާ ހަވާލުވެ ހުރި މީހެކެވެ. ޗެންނާއީގެ އީސީއާރް މަގުގައި ހުންނަ ޕަނައިޔޫރް ސަރަހައްދުގައި ހަދާފައިވާ ބޮޑު ގޭގެ ސެޓެއްގައި މަސައްކަތް ކުރަމުން ދަނިކޮށް، އޭނާ ކަރަންޓުގައި ޖެހުނީ އޮޅިގެން ކަރަންޓު ހުރި ނަރެއްގައި އަތްލެވުމުގެ ސަބަބުންނެވެ.
ކަރަންޓުގައި ޖެހުމާއެކު އޭނާ ހޭނެތިގެން ވެއްޓުމުން، އެތަނުގައި ތިބި އެހެން މީހުން ވަނީ ވަގުތުން އޭނާއަށް ފަރުވާ ދިނުމަށް މަސައްކަތްކޮށްފައެވެ. އަދި އެމްބިއުލާންސްގައި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި އޭނާ ވަނީ މަރުވެފައެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ކަނާތޫރް ފުލުހުން ބުނި ގޮތުގައި، ކާރްތިކޭޔަންގެ ހަށިގަނޑު މިހާރު ވަނީ ޕޯސްޓްމޯޓަމް ހެދުމަށް ސަރުކާރުގެ ރޯޔަޕެއްޓާ ހޮސްޕިޓަލަށް ފޮނުވާފައެވެ. ފުލުހުންގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި، “މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި މައްސަލަ ރަޖިސްޓްރީކޮށް، ތަހުގީގު ވަނީ ފަށާފައި” އެވެ. އަދި ކަރަންޓު ލީކުވާން ދިމާވި ސަބަބާއި، މަސައްކަތުގެ މާހައުލުގައި ސަލާމަތީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ފުރިހަމަކޮށްފައިވޭތޯ ބަލަމުންދާ ކަމަށްވެސް ފުލުހުން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން، ކަމާބެހޭ ސޭފްޓީ އިންސްޕެކްޓަރުން ދަނީ ސެޓުގެ ރައްކާތެރިކަމުގެ މިންގަނޑުތައް ހުރި ގޮތް ބަލައި، އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ ތަހުގީގުކުރަމުންނެވެ. ފިލްމުގެ ޕްރޮޑަކްޝަން ކުންފުނިން ބުނެފައިވަނީ މި ހާދިސާއާ ގުޅިގެން ފުލުހުންގެ ތަހުގީގަށް ދޭންޖެހޭ ފުރިހަމަ އެއްބާރުލުން ދެމުންދާ ކަމަށެވެ.
މި ހާދިސާ ހިނގިއިރު، މެންދުރުފަހު 2:00 ގައި ރަޖްނީކާންތު ޝޫޓިންއާ ގުޅުމަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް، މި ހިތާމަވެރި ހާދިސާއާ ގުޅިގެން ފިލްމުގެ ޝޫޓިން ވަނީ ވަގުތުން މެދުކަނޑާލާފައެވެ. ނެލްސަން ޑައިރެކްޓްކޮށް، ސަން ޕިކްޗާސްއިން ޕްރޮޑިއުސްކުރާ 'ޖެއިލަރ 2' ގެ ސެޓުގައި ހިނގި މި ހާދިސާއާ ގުޅިގެން، ފިލްމު އިންޑަސްޓްރީގެ މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަމާމެދު ވަނީ ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް