އަބުރު ކަތިލުމަށް އިދިކޮޅު ފަރާތްތަކުން ތައްޔާރުކުރާ ދޮގު ޑޮކިއުމަންޓްރީތަކުގެ ސަބަބުން އެ މަނިކުފާނަށް ދުނިޔެއާއި އާހިރަތުގައި ވެސް އޮތީ ފައިދާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޕީއެންސީ މިރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެ މަނިކުފާނާ ބެހޭގޮތުން ހަގީގަތެއް ނެތް ދޮގު ވާހަކަތައް ފަތުރާތީ އެކަމާ ވަރަށް ބޮޑަށް އުފާކުރައްވާ ކަމަށެވެ. އިސްލާމްދީނުގައި ދަސްކޮށްދެނީ މީހެއްގެ އަގުވައްޓާލަން ދޮގު ފަތުރާއިރު ކެތްތެރިވާ މީހާއަށް މަތިވެރި ސަވާބު ހުރިކަން ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"އަޅުގަނޑު އެދެނީ ގިނަ ގިނައިން ޑޮކިއުމަންޓްރީ ހަދައިގެން ނެރެން. އަޅުގަނޑާ ބެހޭ ގޮތުން ތެދު ބަހުން ޑޮކިއުމަންޓްރީއެއް އަޅުގަނޑުގެ އަބުރު ކަތިލާކަށް ނުނެރެވޭނެ ޔަގީނުންވެސް. ހުސް ދޮގު ހަދަން ޖެހޭނީ. ހުސް ދޮގު ހަދައިގެން ގިނައިން ނެރެންވީ. އަޅުގަނޑަށް އޭގައި އޮތީ ހުސް ފައިދާ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުއާ ގުޅޭ ގޮތުން އިދިކޮޅު ފަރާތްތަކުން ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކަމުންދާ ކަމަށެވެ. ރައީސް ވިދާޅުވީ ސާޖިދާ، އިނގިރޭސިވިލާތައް ކުރައްވާ ދަތުރަކީ ދަރިކަލުންގެ ގާތަށް ކުރައްވާ ދަތުރެއް ކަމަށާއި އެއީ މާކުރިން ރާވާފައިވާ ދަތުރެއްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އިދިކޮޅު ސިޔާސީ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހް އަދި އަބްދުﷲ ޔާމީނަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވީ، އެއީ ސިޔާސީ ގޮތުން ފެއިލްވެފައިވާ ބޭފުޅުން ކަމަށެވެ.
އަދި ގައުމަށް ބޭނުންވަނީ "ބަތް ކައްކާ ކުޅޭ" ފަދަ ޒިންމާދާރުކަން ކުޑަ ބައެއް ނޫން ކަމަށާއި، ހަރުދަނާ އިދިކޮޅު ސިޔާސީ ހަރަކާތެއް ކަމަށް ރައީސް ވިދާޅުވިއެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު