ރާއްޖޭގެ އޮންލައިން ނޫހަކުން އާއްމުކުރި "ޑޮކިއުމެންޓަރީ" އަކާ ގުޅިގެން ކްރިމިނަލް ކޯޓުން ނެރުނު ގެގް އޯޑަރުގައިވާ ކަންކަން ސާފުނުވާ ނަމަ ނުވަތަ އެ އަމުރަކީ ގާނޫނާ ހިލާފަށް ނެރެފައިވާ އަމުރެއް ނަމަ ކޯޓަށް ވަޑައިގަތުމުގެ ފުރުސަތު އަބަދުވެސް އޮންނަ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ގެގް އޯޑަރު" ގައިވާ ބައެއް ކަންކަން ސާފުނުވާ ކަމަށާއި އެ އޯޑަރާ ގުޅިގެން ދެއްކޭނެ އަދި ނުދެއްކޭނެ ވާހަކަތައް ނޭނގޭ ކަމަށް ނޫސްވެރިޔަކު ސުވާލުކުރުމުން މުންދު ވިދާޅުވީ، ގެގް އޯޑަރުގައިވާ ކަންކަން އިތުރަށް ސާފުކުރަން ބޭނުން ނަމަ ކޯޓަށް ވަޑައިގަތުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"ތިބޭފުޅުން ނުވަތަ ސިޔާސީ ބައެއް ބޭފުޅުން ވިދާޅުވެވޭނެ އެއްޗަކާ ނުވެވޭނެ އެއްޗަކާ ސާފުވެވަޑައިނުގަންނަވާ ނަމަ (ކޯޓަށް) ވަޑައިގަންނަވަންވީއޭ"
މުންދު ވިދާޅުވީ، ގެގް އޯޑަރަކީ ގާނޫނާ ހިލާފު އަމުރެއްކަމުގައި ދެކޭނަމަ ކޯޓަށް ދިއުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.
މުންދު ވިދާޅުވީ، މި ސަރުކާރުން ޝަރުއީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނެ ކަމަށާއި ލިޔާ ހަބަރަކުން ނުވަތަ ކުރާ ސުވާލަކުން އެއްވެސް ނޫސްވެރިޔަކު ހައްޔަރުނުކުރާނެ ކަމަށެވެ. ނަމަވެސް ކޯޓުގެ އަމުރަކާ ހިލާފުވާ ނަމަ އެއީ އިސްތިސްނާވާނެ ހާލަތެއް ކަމަށް ވިދާޅުވިއެވެ.
މުންދު އިތުރަށް ވިދާޅުވީ، ގެގް އޯޑަރާ ހިލާފުވާ ބޭރުގެ މީޑިއާތަކަށް ފިޔަވަޅެއް އެޅުމުގެ ވިސްނުމެއް އަދި ނެތް ކަމަށެވެ.
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)