ބޮލީވުޑްގެ މަޝްހޫރު ބަތަލާ މޯނީ ރޯއި އާއި އޭނާގެ ފިރިމީހާ ސޫރަޖް ނަމްބިއާރ ވަރިވާން އުޅޭކަމަށް ފެތުރެމުންދާ އަޑުތަކާ ގުޅިގެން، އެފަދަ ދޮގު ވާހަކަތައް ނުފެތުރުމަށާއި އެ ދެމަފިރިންނަށް ޕްރައިވެސީ ދިނުމަށް މޯނީ އެދިއްޖެއެވެ.
މި ދެމަފިރިންގެ ގުޅުމާ މެދު ސުވާލު އުފެދެން ފެށީ، އިންސްޓަގްރާމްގައި ދެމީހުން އެކަކު އަނެކަކު އަންފޮލޯކުރިކަން ސޯޝަލް މީޑިއާ ބޭނުންކުރާ ފަރާތްތަކަށް ފާހަގަވުމާ ގުޅިގެންނެވެ. މީގެ އިތުރުން، ސޫރަޖް އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑީއެކްޓިވޭޓް ކުރުމާއި، މޯނީގެ ގާތް ރަހުމަތްތެރިއެއް ކަމަށްވާ ބަތަލާ ދިޝާ ޕަޓާނީ ވެސް ސޫރަޖް އަންފޮލޯކުރުމުން، 2022 ވަނަ އަހަރު ކައިވެނިކުރި މި ދެމަފިރިން ވަކިވާން އުޅޭކަމުގެ އަޑުތައް ވަނީ މީޑިއާގައި އިތުރަށް ގަދަވެފައެވެ. ބައެއް ނޫސްތަކުން ވަނީ މާލީ މައްސަލަތަކަކާއި ބޭވަފާތެރިވުމުގެ ތުހުމަތުތަކެއް ވެސް ފަތުރާފައެވެ.
މިކަމާ ގުޅިގެން ބުދަ ދުވަހު މޯނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި އާންމުކުރި ބަޔާނެއްގައި ވަނީ، މީޑިއާތަކުން މި މައްސަލައިގައި އަމަލުކުރަމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. “އަޅުގަނޑުމެންނާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ދޮގު ވާހަކަތައް ނުފެތުރުމަށާއި، އަޅުގަނޑުމެންނަށް ޖާގައާއި ޕްރައިވެސީ ދިނުމަށް ހުރިހާ މީޑިއާތަކުގެ ކިބައިން ވަރަށް އަދަބުވެރިކަމާއެކު އެދެން،” އަތްޖޯޑުކޮށްގެން ހުރި އިމޯޖީއަކާއެކު މޯނީ ލިޔެފައިވެއެވެ.
ވަރިވާން އުޅޭކަމުގެ އަޑުތައް ފެތުރެމުން ދިޔަ ނަމަވެސް، މިހާތަނަށް މޯނީ ވެސް އަދި ސޫރަޖް ވެސް އެކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. 2018 ވަނަ އަހަރު ދުބާއީން ދިމާވެ ލޯބީގެ ގޮތުން ގުޅުނު މި ދެމަފިރިން ކައިވެނިކުރީ ޖެނުއަރީ 2022 ގައި ގޯއާގައެވެ. ބެންގާލީ އަދި މަލަޔާލަމް ސަގާފަތާ އެއްގޮތަށް ބޭއްވި ކުލަގަދަ ރަސްމިއްޔާތަކަށްފަހު، މި ދެމަފިރިންނަކީ މީގެ ކުރިން ސޯޝަލް މީޑިއާގައި އެކުގައި ނަގާފައިވާ ގިނަ ފޮޓޯތަކެއް އާންމުކުރަމުން އައި ބައެކެވެ. ދެމީހުން އެކަކު އަނެކަކު އަންފޮލޯކުރި ނަމަވެސް، މޯނީގެ އިންސްޓަގްރާމްގައި އަދިވެސް އެމީހުންގެ ކައިވެނީގެ ބައެއް ފޮޓޯތައް ފެންނަން އެބަހުއްޓެވެ.
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް
ބޮލީވުޑް