ރަޝިޔާއިން ޔޫކްރެއިންގެ އެކި ސަރަޙައްދުތަކަށް 800 އަށްވުރެ ގިނަ ޑްރޯނާއި މިސައިލް ބޭނުންކޮށްގެން ދިން ވަރުގަދަ ވައިގެ ހަމަލާތަކެއްގައި މަދުވެގެން ހަ މީހުން މަރުވެއްޖެއެވެ. ބުދަ ދުވަހު ދިން މި ހަމަލާތަކަކީ ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ރަޝިޔާއިން ދިން އެންމެ ވަރުގަދަ އަދި އެންމެ ދިގުދެމިގެންދިޔަ އެއް ހަމަލާއެވެ. މި ހަމަލާތަކުގެ ސަބަބުން ޔޫކްރެއިންގެ ވައިގެ ދިފާއީ ނިޒާމަށް ވަނީ ވަރަށް ބޮޑަށް ބާރުބޮޑުވެފައެވެ.
ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވި ގޮތުގައި، މި ހަމަލާތައް ޔޫކްރެއިންގެ 20 ސަރަހައްދަކަށް އަމާޒުކޮށްފައިވެއެވެ. އޭގެ ތެރޭގައި ވެރިރަށް ކީވް އާއި، ހުޅަނގުގައި އޮންނަ ލްވީވްގެ އިތުރުން ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ އޮޑެސާ ހިމެނެއެވެ.“އަހަރެމެންގެ ސިފައިން ދަނީ ޔޫކްރެއިން ދިފާއުކުރަމުން، ނަމަވެސް ރަޝިޔާގެ ސާފު މަގްސަދަކީ ވައިގެ ދިފާއީ ނިޒާމުތަކަށް އޮބިނޯންނަ ވަރަށް ހަމަލާދިނުން” ޒެލެންސްކީ ވިދާޅުވިއެވެ.
މ ހަމަލާތަކުގައި އާންމުން ދިރިއުޅޭ އިމާރާތްތަކަށާއި، ހަކަތަ އުފައްދާ މަރުކަޒުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ޔޫކްރެއިންގެ އަސްކަރިއްޔާގެ ތަރުޖަމާނުން ފާހަގަކުރެއްވި ގޮތުގައި، ރަޝިޔާއިން މަސައްކަތްކުރަނީ ގިނަ އަދަދެއްގެ ޑްރޯން ފޮނުވައިގެން ދިފާއީ ނިޒާމުތައް ބަލިކަށިކޮށްލުމަށްފަހު، ބެލިސްޓިކް އަދި ކްރޫޒް މިސައިލުން ހަމަލާދިނުމަށެވެ. މިއީ އާންމު ރައްޔިތުންނަށް އެންމެ ބޮޑު ގެއްލުމެއް ދިނުމަށް ރާވައިގެން ހިންގާ އަމަލެއް ކަމަށްވެސް އޮފިޝަލުން ވިދާޅުވެއެވެ.
ކީވްގެ މޭޔަރު ވިޓާލީ ކްލިޗްކޯ ވިދާޅުވީ، ވައްޓާލާފައިވާ ޑްރޯންތަކުގެ ބައިތައް ވެއްޓުމުގެ ސަބަބުން ބައެއް އިމާރާތްތަކުގައި އަލިފާން ރޯވެފައިވާ ކަމަށެވެ. މީހުން ސަލާމަތްކުރާ ފަރާތްތަކުން ދަނީ މެދުކެނޑުމެއްނެތި ހަރަކާތްތެރިވަމުންނެވެ. މި ދަނޑިވަޅަކީ ޔޫކްރެއިންގެ އުމްރާނީ ތަރައްޤީގެ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ރަޝިޔާއިން ދޭ ހަމަލާތައް އިތުރުކޮށްފައިވާ ދުވަސްވަރެކެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ވަރުގަދަ ހަމަލާތަކެއް އަތުވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ