ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސް ކުރުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައިވާ، ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ މުވައްޒަފުން ސިވިލް ސާވިސް ކޮމިޝަނަށް (ސީއެސްސީ) އަށް ބަދަލުކޮށް އެ އޮތޯރިޓީއަށް މުވައްޒަފުން ނެގުމުގެ ބާރު އެ ފަރާތަށް ދިނުމަކީ މުވައްޒަފުންގެ މަސައްކަތުގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފައްދާނެ ކަަމެއް ކަމަށް އެލްޖީއޭއިން ބުނެފިއެވެ.
އެލްޖީއޭގެ މުވައްޒަފުން ސީއެސްސީއަށް ބަދަލުކޮށް އެ އޮތޯރިޓީގެ މުވައްޒަފުންގެ ހުރިހާ ކަމެއް ސީއެސްސީއަށް ބަދަލު ކުރުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމަށްޓަކައި ސަރުކާރުން ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފައެވެ.
ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި މި ބިލު މަޖިލީހަށް ބަލައިގަނެ، މިހާރު އޮތީ ދިރާސާކުރުމުގެ މަރުހަލާގައި، ލާމަރުކަޒީ ކޮމިޓީގައެވެ.
އެހެންކަމުން ބިލާ ބެހޭގޮތުން އެލްޖީއޭއިން ދެކޭގޮތެއް ބެލުމަށް އެ އޮތޯރިޓީގެ އިސް ބޭފުޅުން މިއަދު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.
އެ ބިލުގައި ހުރި ކަން ބޮޑުވުންތައް ފާހަގަ ކުރައްވަމުން އެލްޖީއޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއިއޯ) މުހައްމަދު ނިމާލް ކޮމިޓީގައި މިއަދު ވިދާޅުވީ، އަތޮޅު ކައުންސިލް ކޮންސެޕްޓް ނިމި އެތަންތަން އެލްޖިއޭގެ ބްރާންޗްތަކަކަށް ބަދަލުވުމުގެ ގޮތުން ކޮންމެ އަތޮޅެއްގައި އެލްޖީއޭގެ އޮފީހެއް ގާއިމް ކޮށްގެން މަސައްކަތް ކުރަން ގާނޫނުން ފުރުސަތު ލިބޭ ކަމަށެވެ.
އެލްޖީއޭ އަކީ މިނިވަން މުއައްސަސާއެއްގެ ގޮތަށް ބޯޑަކުން ހިންގާ މުއައްސަސާއެއް ކަމަށާއި އެތަނުގައި ތިބެނީ އެލްޖީއޭގެ މުވައްޒަފުން ކަމަށް ވެސް ވިދާޅުވިއެވެ. އެހެންކަމުން ސީއެސްސީގެ ދަށަށް ބަދަލުވާން އެ މުވައްޒަފުން ބޭނުންނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"އެލްޖީއޭގައި މަސައްކަތްކުރާ ކޮންމެ މުވައްޒަފެއްގެ ކޮންސާނަކީ ތިމަންނަމެން އެތަނުން ވަކިވެއްޖެ ކަމަށްވަންޏާ ތިމަންނަމެންގެ ނަޒާހަތްތެރިކަމާ އެކީގައި ތިމަންނަމެންނަށް، އެކަންކަން ކުރަން ބޭނުންވާ ގޮތަށް ކުރުމުގެ ފުރުސަތުތަކެއް ނުވެއް އޮންނާނެއޭ، އެހެންވީމަ އެލްޖީއޭގައި މަސައްކަތް ކުރާ 50 އަކަށް މުވައްޒަފުންނަކީ އެލްޖީއޭގެ މުވައްޒަފުންގެ ގޮތުގައި ބައިތިއްބައިގެންވެސް ތިމަންނަމެންނަށް އަތޮޅު ކައުންސިލް އިދާރާ ނޫނިއްޔާމު ކުރިއަށްއޮތްތަމުގައި އެތަން ބަދަލުވެގެން އެދާ އޮފީހަކާ އެއްގޮތަށް މުއާމަލާތްކުރެވިދާނެއޭ،"
ނިމާލް ފާހަގަކުރެއްވި އަނެއް މައްސަލައަކީ، އެލްޖީއޭގެ މުވައްޒަފުން ސީއެސްސީއަށް ބަދަލުވުމުން ރިޕޯޓް ކުރަންޖެހޭ އެންމެ އިސް ފަރާތަކަށްވާނީ، ސީއެސްސީގެ ރައީސް ކަމަށެވެ. ނަމަވެސް މިނިވަން މުއައްސަސާއެއް ގޮތަށް، ބޯޑަކުން އޮޕަރޭޓް ކުރާ އޮތޯރިޓީ ބޯޑުގެ ރައީސަކީ ކެބިނެޓަށް ޖަވާބުދާރީވާން ޖެހޭ ބޭފުޅަކަށްވެފައި، ބޯޑުން ނިންމާ ނިންމުމަކީ އެތަނުން ކުރިއަށް ގެންދަންޖެހޭ ނިންމުންތަކަކަށްވާ އިރު، ސީއެސްސީން ކަނޑައަޅާ ސިއީއޯއަކަށް އެތަނުގެ މުވައްޒަފުންގެ މައްޗަށް އަމުރު މައުރޫފު ހިންގޭނެ ކަަމަށް ގަބޫލު ނުކުރެވުން ކަމަށްވެސް ވިދާޅުވިއެވެ.
އަނެއް ކަމަކަށް އޭނާ ފާހަގަ ކުރެއްވީ، އަތޮޅު ކައުންސިލްތަކުގައި މަސައްކަތް ކުރި މުވައްޒަފުން އެލްޖީއޭގެ މުވައްޒަފުންނަށް ބަދަލުވުމަށް އިންކާރު ކުރާ ކަމަށެވެ.
"އެ ވެދާނެ މިކަން ނިއުޅެމުންދާ ގޮތް އެބޭފުޅުންނަށް ކޮމިއުނިކޭޓެއް ނުކުރެވޭ، އެހެންވީމަ ވަޒީފާގެ ބިރުވެރިކަން އޮންނަ ކަމަށްވަންޏާމު އެބޭފުޅުންގެ ވެސް ކޮންސާން އޮންނާނެ، މިހާރު އެ އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ސިވިލް ސާވިސް މުވައްޒަފުންނަށްވެފައި ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއިން އެ ބޭފުޅުން އެ ބަދަލު ވަނީ އެލްޖިއޭގެ ތެރެއަށް،"
އެހެންކަމުން ނިމާލު ވިދާޅުވީ، ގާނޫނަށް ވަރަށް ބައިވަރު ބަދަލުތަކެއް އައިސްގެން ނޫނީ މި ދަނޑިވަޅުގައި އެ ބަދަލުތައް ގެނެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެހެންކަމުން އަތޮޅު ކައުންސިލްތަކުގައި ތިބި މުވައްޒަފުން ސީއެސްސީއަށް ބަދަލު ކުރި ނަމަވެސް، އެލްޖީއޭގެ މުވައްޒަފުން މިހާރު ތިބި ގޮތަށް ބައިތިއްބައިގެން ކުރިއަށްދެވޭނެ ނިޒާމެއް ފާރުމާކޮށްދިނުމަށް ނިމާލު ވަނީ ކޮމިޓީގައި އެދިވަޑައިގެންފައެވެ.
އިބްރާހިމް ޒަކީ
ކުށް
ކްރިމިނަލް ކޯޓް
އިސްލާމީ ތާރީޚު