ކޯރަމް ހަމަ ވާވަރަށް މެންބަރުން ވަޑައިނުގެންނެވުމުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.
ގަޑި ޖެހުނުއިރު ވެސް، މިިއަދު ހެންދުނު 9:00 ގައި ފަށަން އޮތް ޖަލްސާއަަށް ކޯރަމް ހަމަވާވަރަށް މެންބަރުން ވަޑައެއްނުގަންނަވައެވެ.
ގަޑިޖެހުމުން ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަ ކުރުމަށްޓަކައި ކޯރަމް ރަނގަބީލު ޖެހުމުން ވެސް ކޯރަމް ހަމަނުވެެގެން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވާ، މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހްމަދު ނާޒިމް ވިދާޅުވީ، ކޯރަމް ރަނގަބީލު ޖެހުމުން ވެސް މިއަދު 9:00 ގައި ފަށަން އޮތް ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވުމުން 10:00 އަށް ޖަލްސާ ފަސްކުރާ ކަމަށެވެ.
ނަމަވެސް 10:00 ގައިވެސް ޖަލްސާ ފަށަން ކޯރަމް ހަމަނުވެގެން ނާޒިމް ވިދާޅުވީ ޖަލްސާ ފަށަން ބޭނުންވާ ކޯރަމް ހަމަނުވެގެން މިއަދުގެ ޖަލްސާ ކެންސަލް ކުރައްވާ ކަމަށެވެ. އަދި މާދަމާ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ކަމަށްވެސް ނާޒިމް އިއުލާން ކުރެއްވިއެވެ. ނަމަވެސް އެއީ އާއްމުކޮށް މަޖިލިސް ޖަލްސާ ބާއްވާ ދުވަހެއް ނޫނެވެ.
އާއްމުކޮށް މަޖިލިސް ޖަލްސާތައް ބާއްވަނީ ހަފުތާގެ ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށެވެ.
މިއަދުގެ ޖަލްސާ ބާއްވަން ބޭނުންވާ ކޯރަމް ހަމަނުވި އިރު، ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަނީ އޭނާ ނިސްބަތްވެ ވަޑައިގަންނަވާ ޕީއެންސީގެ ވަޓްސްއެޕް ގުރޫޕުން މިއަދު ބޭރުކޮށްލައިފައެވެ.
އޭނާ ބޭރުކޮށްލާފައި ވަނީ މިއަދު ހެނދުނު 6:00 ހާއިރުއެވެ. އެކަން ވަނީ ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީގެ ބައެއް މެންބަރުން "ވަން" އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ނަމަވެސް އޭނާ އެ ގްރޫޕުން ބޭރު ކުރި ސަބަބެއް ވިދާޅެއް ނުވެއެވެ.
އެ ގްރޫޕަކީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ޕީއެންސީގެ މަޖިލީސް މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެވެ. އެ އެ ގުރޫޕްގެ އެޑްމިންގެ ގޮތުގައި އިންނަވަނީ ރައީސް މުއިއްޒުއެވެ.
ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕްގެ ވަޓްސްއެޕް ގުރޫޕުން ނާޒިމް ބޭރުކޮށްލާފައިވާ އިރު، މިދިޔަ މަހު ވަނީ ރައްޔިތުންގެ މަޖިލީހުގެ އެންމެ ބާރުގަދަ ދެ ކޮމިޓީ ކަމަށްވާ މާލިއްޔަތު ކޮމިޓީ އާއި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން އޭނާ ވަކިކޮށްފައެވެ.
ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި ޕީއެންސީ އަށް ކުރިމަތިވި ނާކާމިޔާބީއަށް ފަހު، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމަށް ޕީއެންސީން މަސައްކަތްކުރަމުންދާ ކަމަށް އަޑުތައް ފެތުރުނެވެ. އަދި އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ސޮއި ހަމަ ކުރަމުންދާ ކަމުގެ އަޑުތައް ވެސް ފެތުރުނެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހަތަރު މަސައްކަތެއް އެޖެންޑާކޮށްފައި އޮތެވެ. އެއީ ބޭރު ގައުމުތަކަށް ރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ހަމަޖެއްސެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާކޮށް ގޮތެއް ނިންމުމަށް، އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވުމާއި ސަރުކާރުގެ ފަރާތުން މެދު ހެންވޭރު ދާއިރާގެ މެންބަރު ހުސައިން ނާސިހް ހުށަހަޅުއްވާފައިވާ، ސައިބާ ސެކިއުރިޓީގެ ބިލުގެ ބަހުސާއި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު އަލީ އިބްރާހީމް ހުށަހަޅުއްވާފައިވާ ޒާތީ މައުލޫމާތު ރައްކާތެރިކުރުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމުގެ އިތުރުން އިންސާނުންގެ ގުނަވަން ޓްރާންސްޕްލާންޓް ކުރުމުގެ ބިލު، އިޖްތިމާއީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލިސް ތަޅުމަށް ހުށަހަޅައި ބަހުސް ކުރުމެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް