ފާއިތުވި ދިހަ އަހަރު ދުވަހުގެ ތެރޭގައި ފިލްމާއި ޓީވީ ސީރީޒްތައް އުފެއްދުމަށް ނެޓްފްލިކްސްއިން 135 ބިލިއަން ޑޮލަރު ހޭދަކޮށްފައިވާ ކަމަށާއި، މީގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް 325 ބިލިއަން ޑޮލަރުގެ މަންފާ ލިބިފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި މައުލޫމާތު ހާމަކޮށްފައިވަނީ ނެޓްފްލިކްސްގެ އުފެއްދުންތަކުން ދުނިޔޭގެ އިގްތިސާދަށާއި ސަގާފަތަށް ކުރާ އަސަރު ދައްކުވައިދިނުމަށް ނެރުނު “ދަ ނެޓްފްލިކްސް އިފެކްޓް” ރިޕޯޓުގައެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ބައެއް ތަފާސްހިސާބުތަކުގެ ތެރޭގައި ހިމެނެނީ:

  • ކޮންޓެންޓް އުފެއްދުމަށް ކުރި ހޭދަ: 135 ބިލިއަން ޑޮލަރު
  • ދުނިޔޭގެ އިގްތިސާދަށް ކުރި ފައިދާ: 325 ބިލިއަން ޑޮލަރު
  • އުފެއްދި ވަޒީފާގެ އަދަދު: 425،000

މި ރިޕޯޓުގައިވާ ގޮތުން، ނެޓްފްލިކްސްގެ އިންވެސްޓްމަންޓްތަކުގެ ސަބަބުން ބައިނަލްއަގްވާމީ މުނިފޫހިފިލުވުމުގެ ސިނާއަތުގައި ސީދާގޮތުން 425،000 ވަޒީފާ ވަނީ އުފެދިފައެވެ. މީގެ އިތުރުން، އެކްސްޓްރާއިންނާއި ދުވަހު މުސާރައަށް މަސައްކަތްކުރާ މީހުންގެ ގޮތުގައި އިތުރު 700،000 އަށްވުރެ ގިނަ މީހުންނަށް ވަޒީފާގެ ފުރުސަތު ފަހިވެފައިވާކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ. މި އުފެއްދުންތައް 50 އަށްވުރެ ގިނަ ގއުމެއްގެ 4،500 އަށްވުރެ ގިނަ ރަށާއި ސިޓީގައި ޝޫޓްކޮށްފައިވާއިރު، މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ލޯކަލް ޕްރޮޑަކްޝަން ކުންފުނިތަކަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެކެވެ.

ނެޓްފްލިކްސްގެ ކޯ-ސީއީއޯ ޓެޑް ސަރަންޑޯސް ވިދާޅުވި ގޮތުގައި، އެހެން ކުންފުނިތަކުން ހަރަދުތައް ކުޑަކުރަމުންދާ ދަނޑިވަޅެއްގައިވެސް ނެޓްފްލިކްސްއިން ދަނީ ކޮންމެ އަހަރަކު އެތައް ބިލިއަން ޑޮލަރެއް ކޮންޓެންޓް އުފެއްދުމަށް އިންވެސްޓްކުރަމުންނެވެ. އަދި މި އިންވެސްޓްމަންޓްތަކުގެ ސަބަބުން އިގްތިސާދުތަކަށާއި، ސިނާއަތްތަކަށް އަދި އާންމު ދިރިއުޅުމަށް އޭގެ ހެޔޮ އަސަރު ފޯރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ރިޕޯޓަކީ ނެޓްފްލިކްސްގެ ހިދުމަތް 190 އަށްވުރެ ގިނަ ގައުމަށް ފުޅާކުރިތާ 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ނެރުނު ރިޕޯޓެކެވެ. މި ރިޕޯޓުން ދައްކައިދެނީ، ހަމައެކަނި މުނިފޫހިފިލުވުމުގެ ދާއިރާގެ އިތުރުން، ފަތުރުވެރިކަމާއި އެހެނިހެން ވިޔަފާރިތަކަށްވެސް ނެޓްފްލިކްސްގެ އުފެއްދުންތަކުގެ ސަބަބުން ބޮޑެތި ފައިދާތަކެއް ވަމުންދާކަމެވެ.