ކުރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި "އަދަދު" ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރު 10 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ލީވާންގެ މައްޗަށް ކޯޓުގެ ހުރުމަތް ކެނޑި ކަމުގެ ތުހުމަތުކުރީ "އަދަދު" ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއަކާ ގުޅިގެން ކްރިމިނަލް ކޯޓުން އާދިއްތަ ދުވަހު ނެރުނު އަމުރެއްގެ ހަބަރު ގެނެސްދިން ގޮތުންނެވެ. ކުރިމިނަލް ކޯޓުގެ އެ އަމުރުގައި ވަނީ އެ ޑޮކިއުމެންޓްރީއާ ގުޅޭ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ދެއްކުން މަނާކޮށްފައެވެ. އަދި އެފަދަ ކަމެއް ކޮށްފިނަމަ އެއީ ކޯޓުގެ ހުރުމަތް ކެނޑުން ކަމަށް ބެލެވޭނެ ކަމަށްވެސް އަމުރުގައިވެއެވެ.

"އަދަދު" ނޫހުން އެ ހަބަރު ޝާއިއުކުރި ގޮތުން، އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބަލައި، ލީވާން މިއަދުވަނީ 11:00 އަށް ކޯޓަށް ހާޒިރުކޮށްފައެވެ.

ލީވާން އެ ގަޑިއަށް ކޯޓަށް ހާޒިރުވުމުން ކޯޓުންވަނީ ވަކީލަކު އައްޔަން ކުރަން އޭނާއަށް ދެ ގަނޑިއިރުގެ ވަގުތެއް ދީފައެވެ.

ކުރިމިނަލް ކޯޓުން ނިންމީ ލީވާން ހަބަރު ލިޔެފައިވާ ގޮތުގެ ސަބަބުން ކޯޓުގެ ހުރުމަށް ކެނޑިފައިވާ ކަމަށެވެ.

އެހެންވޭ އޭނާ 10 ދުވަހަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދުވަނީ ހުކުމްކޮށްފައެވެ.