އެމެރިކާ މެދުވެރިވެގެން ރަޝިއާ އާއި ޔޫކްރެއިނާ ދެމެދު ޤާއިމުކުރި ތިން ދުވަހުގެ ވަގުތީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ މުއްދަތު ރޭ ހަމަވުމާއެކު، ރަޝިއާއިން އަލުން ޔޫކްރެއިނަށް ވަރުގަދަ ހަމަލާތަކެއް ދޭން ފަށައިފިއެވެ. މެއި 9 އިން 11 އަށް ކުރިއަށްދިޔަ މި އެއްބަސްވުމަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ހުށަހެޅުއްވުމަކަށް، ރަޝިއާގެ “ވިކްޓްރީ ޑޭ” އާ ދިމާކޮށް ގެނައި މެދުކެނޑުމެކެވެ.
މި އެއްބަސްވުމުގެ މުއްދަތު ހަމަވިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ރަޝިއާއިން ވަނީ ޔޫކްރެއިންގެ ވެރިރަށް ކީވްއަށް ޑްރޯން ހަމަލާތަކެއް ދީފައެވެ. ޔޫކްރެއިންގެ ކަމާބެހޭ ފަރާތްތަކުން މައުލޫމާތު ދޭ ގޮތުގައި، އިރުމަތީ ޑްނިޕްރޮޕެޓްރޮވްސްކް ސަރަހައްދަށް ދިން ހަމަލާތަކުގައި އެކަކު ވަނީ މަރުވެފައެވެ. އަދި އިތުރު މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. އަނެއްކޮޅުން ރަޝިއާގެ ދިފާއީ ވުޒާރާއިން ބުނެފައިވަނީ، އެއްބަސްވުމުގެ މުއްދަތު ހަމަވުމަށްފަހު ޔޫކްރެއިނުން ފޮނުވާލި 27 ޑްރޯނެއް ބެލްގޮރޮޑް އަދި ރޮސްޓޯވް ފަދަ ސަރަހައްދުތަކުން ވައްޓާލާފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީ ވިދާޅުވީ، އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައިވެސް ރަޝިއާއިން ހަމަލާތައް ހުއްޓާލާފައި ނުވާ ކަމަށާއި، ކުރީ ސަފުގައި ތިބި ރަޝިއާ ސިފައިން އެއްބަސްވުމަށް އިހްތިރާމްކޮށްފައި ނުވާ ކަމަށެވެ. ރަޝިއާގެ ރަސްމީ ފަރާތްތަކުން ބުނާ ގޮތުގައި، ޔޫކްރެއިނުން ވަނީ އެއްބަސްވުމާ ހިލާފަށް އެތައް ފަހަރަކު ހަމަލާދީފައެވެ. އެހެންކަމުން ރަޝިއާއިން ދެމުންދަނީ ރައްދު ހަމަލާތަކެއް ކަމަށް އެ ޤައުމުން ބުނެއެވެ.
ހަބަރުތައް ބުނާ ގޮތުގައި މި ވަގުތީ އެއްބަސްވުން ރޫޅިގެން ދިޔުމާ ގުޅިގެން، އެމެރިކާގެ ޑިޕްލޮމެޓިކް އޮފިޝަލުން އަންނަނީ ދެ ޤައުމުގެ ދެމެދުގައި އިތުރު މަޝްވަރާތަކެއް ބޭއްވޭނެ ގޮތްތަކެއް ހޯދަމުންނެވެ. އެމެރިކާއިން އުންމީދުކުރީ މި އެއްބަސްވުމުގެ ސަބަބުން ދާއިމީ ސުލްޙައަކަށް މަގުފަހިވެގެންދާނެ ކަމަށެވެ. ނަމަވެސް ދެ ފަރާތުންވެސް އެއްބަޔަކު އަނެއް ބަޔަކަށް ތުހުމަތުތައް ކުރަމުންދާތީއާއި، އެއްބަސްވުމުގައި ހިމެނުނު އަސީރުން ބަދަލުކުރުމުގެ ކަންތައްވެސް ކުރިއަށް ގޮސްފައި ނުވާތީ، ހަނގުރާމައަށް އަވަސް ހައްލެއް ލިބުމުގެ ކޮޅުމައްޗެއް އަދި ފެންނާކަށް ނެތް ކަމަށް ހަބަރުތައް ބުނެއެވެ.
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ