ރަށްރަށާއި ސިޓީތަކުގައި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާއްމު ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުން ހިމަނަން އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ބާނޫނަށް އިސްލާހު ގެންނަ މަޖިލީހަށް ބިލެއް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި ބިލު ހުށަހެޅުއްވީ، ފުވައްމުލަކު އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހަމަދު އަބްދުﷲ އެވެ.

ލާމަރުކަޒީ ގާނޫނުގެ 1-69 ވަނަ މާއްދާގެ (ހ) ގައި މިހާރު އޮންނަނީ، ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގައި ވެސް އަންނަނިވި އާންމު ހިދުމަތްތައް، އެ ރަށެއް ނުވަތަ ސިޓީގެ ރައްޔިތުންނަށް، ކައުންސިލުން ފޯރުކޮށްދޭންވާނެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  • ކަރަންޓުގެ ހިދުމަތް
  • ފެނުގެ ހިދުމަތް
  • ފާހާނާއާއި ނަރުދަމާގެ ހިދުމަތް

ނަމަވެސް ސިޓީތަކުގައި ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާއްމު ހިދުމަތްތަކުގެ ތެރޭގައި ހަތަރު ވަނަ ހިދުމަތެއްގެ ގޮތުގައި، ކުނި މެނޭޖުކުރުމުގެ ހިދުމަތުގެ ގޮތުގައި ނަންބަރެއް އިތުރުކުރަން ބިލުގައި ވަނީ ހުށަހަޅައިފައެވެ.

މީގެ އިތުރުން ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި، ހަރަކާތްތައް ވިލަރެސް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ ލޯކަލް ގަވާމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ މުވައްޒިފުންނަކީ ސިވިލް ސާވިސް މުވައްޒިފުންގެ ގޮތުގައި ކަނޑައެޅުމަށާއި އެ މުވައްޒަފުން ނެގުމުގެ ބާރު ސިވިލް ސާވިސް ކޮމިޝަނަށް ދިނުމަށް، ވެސް ގާނޫނަށް ވަނީ އިސްލާހު ހުށަހަޅައިފައެވެ.

ލާމަރުކަޒީ ގާނޫނުގެ 61 ވަނަ މާއްދާގެ (ޅ) ގައި މިހާރު އޮންނަނީ، އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީސީއޯ)ގެ އިތުރުން އޮތޯރިޓީގެ މަސްއޫލިއްޔަތު އަދާކުރުމަށް އެހީތެރިވެދިނުމަށާއި އޮތޯރިޓީގެ އިދާރީ ކަންކަން ބެލެހެއްޓުމަށްޓަކައި އޮތޯރިޓީއަށް ބޭނުންވާ މުވައްޒަފުން އައްޔަންކުރުމާއި ވަކިކުރުމުގެ ބާރު އޮތޯރިޓީގެ ބޯޑަށް ލިބިގެންވާ ކަމަށެވެ.

ނަމަވެސް މި ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލުގައި ވަނީ ގާނޫނުގެ އެ މާއްދާ އުނިކުރަން ހުށަހަޅައިފައެވެ.

މި ބިލު ހުށަހަޅާ ބޭނުމެއް ކަމަށް ބިލުގައި ބުނެފައި ވަނީ، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ ކަމުގައިވާ ލޯކަލް ގަވާމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، އެ އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސާވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުން ކަމަށެވެ.

އެހެންކަމުން އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސާވިސް މުވައްޒަފުން ކަމުގައި ހިމަނަން ގާނޫނަށް މާއްދާ އެއް އިތުރުކުރަން ބިލުގައި ވަނީ ހިމަނައިފައެވެ.

ބިލުގެ 3-61 ގެ ގޮތުގައި އިތުރުކުރަން ހުށަހަޅާފައިވާ މި މާއްދާގައި ބުނެފައިވަނީ، އެލްޖީއޭއަށް ބޭނުންވާ މުވައްޒިފުން އައްޔަންކޮށް ވަކި ކުރާނީ ސީއީއޯގެ ލަފާގެ މަތިން ސީއެސްސީއިން ކަމަށެވެ.

މުވައްޒިފުން އައްޔަންކޮށް ވަކި ކުރުމާއި، މުވައްޒިފުންނާގުޅޭ އެނޫންވެސް ކަންކަމުގައި ސީއެސްސީގެ ގާނޫނުގެ 63 ވަނަ މާއްދާގައި ބަޔާންކުރާ ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އޮތޯރިޓީގެ ސީއީއޯކަމަށްވެސް ބުނެފައިވެއެވެ.

އެލްޖީއޭގެ މުވައްޒަފުންގެ މަގާމުތަކާއި، އެ މަގާމުތަކުގެ ގިންތި އާއި ޝަރުތުތައް އަދި މުވައްޒަފުންގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ބަޔާންކުރާ، މުވައްޒިފުންގެ މަގާމުތަކުގެ އޮނިގަނޑެއް ކަނޑައަޅާފައި އޮންނަންވާނެ ކަމަށާއި އެ އޮނިގަނޑު އެކުލަވާލާނީ އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތިން ސީއީއޯ ކަމަށާއި، އެ އޮނިގަނޑު ސީއެސްސީއަށް ހުށަހަޅައި ފާސްކުރަންޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެ އޮނިގަނޑުގައި ކަނޑއަޅާ މަގާމުތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާނީ ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނުގެ ދަށުން ނޭޝަނަލް ޕޭ ކޮމިޝަނުން ކަމަށްވެސް ބުނެފައިވެއެވެ.

ސީއެސްސީން އެ އޮނިގަނޑު ފާސްކުރާތާ 30 ދުވަހުގެ ތެރޭގައު މުވައްޒިފުންގެ މުސާރައިގެ އޮނިގަނޑު ނޭޝަނަލް ޕޭ ކޮމިޝަނުން ނިންމަންވާނެ ކަމަށާއި، މުސާރައިގެ އޮނިގަނޑު ޕޭ ކޮމިޝަނުން ކަނޑައަޅާތާ ގިނަވެގެން 60 ދުވަގުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން އެ މަގާމުތަކަށް ބަދަލުކޮށް ނިންމަންވާނެ ކަމަށްވެސް ބިލުގައިވެއެވެ.

މި ބިލުގެ އިބްތިދާއީ ބަހުސް ނިމުމުން މަޖިލީހަށް ބިލު ބަލައިގަނޭތޯ ނެގި ވޯޓުން މަޖިލީހަށް ބިލު ބަލައިގަތީ، ޖަލްސާގައި ތިއްބެވި 50 މެންބަރުންގެ ތެރެއިން ޕީއެންސީގެ 44 މެންބަރުންގެ ވޯޓުންނެވެ. އެމްޑީޕީގެ ފަސް މެންބަރުން ވޯޓު ދެއްވީ ބިލު ބަލައި ނުގަތުމަށެވެ.

މި ބިލު ބަލައިގަތުމުން އިތުރަށް ދިރާސާ ކުރުމަށް ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.