ނެޓްފްލިކްސްގެ މަޝްހޫރު ސީރީޒް "ދަ ރޯޔަލްސް" ގެ ކުރިއަށް އޮތް ދެވަނަ ސީޒަނުން ބޮލީވުޑްގެ ބަތަލާ ބޫމީ ޕެޑްނޭކަރ ވަކިވެއްޖެއެވެ. އޭނާ މި ޕްރޮޖެކްޓުން ވަކިވެފައިވަނީ، ސީރީޒްގެ މައިގަނޑު ލޯބީގެ ވާހަކަ އުނިކޮށް، ޝާހީ އާއިލާގެ އެތެރޭގެ ކަންކަމަށް ސަމާލުކަން ދިނުމަށް ޕްރޮޑަކްޝަން ޓީމުން ނިންމުމާ ގުޅިގެންނެވެ.
ފުރަތަމަ ސީޒަންގައި ބޫމީ އާއި އީޝާން ޚައްޓަރުގެ މެދުގައި ހިނގާ ލޯބީގެ ގުޅުމަށް ބޮޑު ސަމާލުކަމެއް ދީފައިވީ ނަމަވެސް، ދެވަނަ ސީޒަންގައި މި ބައި ކުރިއަށް ނުގެންދަން އުފެއްދުންތެރިން ވަނީ ނިންމާފައެވެ. އިންޑަސްޓްރީގެ މަސްދަރުތަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބެލުންތެރިންނަށް އެންމެ ކަމުދިޔައީ އީޝާން، ޒީނަތު އަމާން އަދި ސާކްޝީ ތަންވަރު ފަދަ ތަރިން ހިމެނޭ ޝާހީ އާއިލާގެ ޑައިނަމިކްސްއެވެ. އެހެންކަމުން، ރޮމޭންޓިކް ކޮމެޑީއެއްގެ ބަދަލުގައި މި ސީރީޒް މިހާރު ވަނީ އާއިލީ ޑްރާމާއަކަށް ބަދަލުކޮށްފައެވެ.
މި ބަދަލާ ގުޅޭގޮތުން ވާހަކަދެއްކި އިންސައިޑަރަކު ބުނި ގޮތުގައި، “ބޫމީއާއި އުފެއްދުންތެރިންނާ ދެމެދު އެއްވެސް މައްސަލައެއް ނުޖެހެއެވެ.” އަދި ފުރަތަމަ ސީޒަން ނިންމާލިއިރު ލޯބީގެ ގުޅުމަށް ގޮތެއް ނުނިމި އޮތް ނަމަވެސް، އެ ވާހަކަ ކުރިއަށް ގެންދިއުމުގެ ވިސްނުމެއް ނެތް ކަމަށާއި، ވާހަކަ ކުރިއަށްދަނީ ވަރަށް ގުދުރަތީ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރިއެވެ. މީގެ އިތުރުން، ފުރަތަމަ ސީޒަނަށްފަހު އަމާޒުވި ފާޑުކިޔުންތަކުގެ ސަބަބުން ބޫމީގެ އަމިއްލަ އިތުބާރަށް އަސަރުކުރި ކަމަށް އޭނާ ކުރިން ބުނެފައިވެއެވެ.
މިހާރު ދެވަނަ ސީޒަންގެ ޕްރޮޑަކްޝަން މަސައްކަތްތައް ފަށާފައިވާއިރު، ބޫމީ ދަނީ އެހެން ޕްރޮޖެކްޓްތަކަށް ވަގުތު ހުސްކުރަމުންނެވެ. އޭގެ ތެރޭގައި އެމެޒޯން ޕްރައިމްގެ "ދަލްދަލް" ގެ ދެވަނަ ސީޒަނާއި، އިމްރާން ޚާންގެ އެނބުރި އައުމުގެ ފިލްމު ހިމެނެއެވެ. މި ފިލްމުތަކުގައި އޭނާ ފެނިގެންދާނީ ކުރިއަށްވުރެ ސީރިއަސް އަދި އުނދަގޫ ރޯލުތަކަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް
ނެޓްފްލިކްސް