"އަދަދު" ނޫހުން ގެނެސްދިން ޑޮކިއުމެންޓްރީގެ މައްސަލައިގައި ކްރިމިނަލް ކޯޓުން ނެރުނު އަމުރަށް ތަބާވުމަކީ ހުރިހާ ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އެފަދައިން ވިދާޅުވީ، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އަމުރާއި ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
"އެ އަމުރަށް ތަބާވުމަކީ ހުރިހާ ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމު ކަމެއް." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ތިން ބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި ޝަރުއީ ދާއިރާއިން ކުރަން ޖެހޭ ކަންކަން އެ ދާއިރާއިން ކުރާނެ ކަމަށެވެ.
ކުރިމިނަލް ކޯޓުގެ ކުރި އަމުރުތައް:
- "އަދަދު" ނޫހުން ތައްޔާރުކުރި އެ ޑޮކިއުމެންޓްރީ މުޖުތަމައުގެ ތެރޭގައި ދައުރުކުރުން ހުއްޓާލުން.
- ޑޮކިއުމެންޓްރީގައި ހިމެނޭ އެއްވެސް ވާހަކައެއް ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް ނުދެއްކުން
- .މި މައްސަލައިގައި ހިމެނޭ ހަސްމުންނާއި ކުށުގެ ޝިކާރައަކަށްވި މީހާގެ ވާހަކަ އެ ޑޮކިއުމެންޓްރީއާ ގުޅުވައިގެން ނުދެއްކުން
- ޝަރީއަތުގެ ލިޔެކިޔުންތަކާއި މައުލޫމާތުތައް އާންމު ނުކުރުން.
ކޯޓު އަމުރުގައި އިތުރަށް ބަޔާންކޮށްފައިވަނީ ގަޒުފުގެ ކުށަކީ އިސްލާމީ ޝަރީއަތުގައި ބޮޑު ފާފައެއް ކަމަށާއި، އެކަން ނަހީކުރައްވާފައިވަނީ އިންސާނާގެ އަބުރާއި އިއްޒަތުއް ނަފުސު ރައްކާތެރިކުރުމަށްޓަކައި ކަމަށެވެ. އަދި ކޯޓަކުން ކުށް ސާބިތުނުވާހާ ހިނދަކު ކޮންމެ މީހަކީވެސް ކުށެއް ނެތް މީހެއްގެ ގޮތުގައި ބެލުމުގެ ހައްގު އޮންނަންވާނެ ކަމަށް ގާޒީ ވިދާޅުވެފައިވެއެވެ.
ޕީޖީ އޮފީހުން އިއްޔެ ވަނީ އަދަދުގެ ސީއީއޯ ފިޔާޒާއި އެޑިޓަރު ހަސަންގެ މައްޗަށް ގަޒްފުގެ ދައުވާ އުފުލައިފައެވެ.
މި މައްސަލައިގެ ތަހުގީގު މަރުހަލާގައި ފިޔާޒާއި، ހަސަން ފުލުހަށް ހާޒިރުކުރުމުން، ނޫސްވެރިންގެ މަސްދަރު ހިމާޔަތްކުރުމުގެ ހައްގުގެ ބޭނުންކޮށް، އެ ދެ މީހުން ހުންނެވީ ހަނެވެ. އަދި ތަހުގީގަށް ބޭނުންވާ ޑިޖިޓަލް ޑިވައިސްތަކުގެ ޕާސްކޯޑު ދިނުމަށް ކޯޓުން ކުރި އަމުރަށްވެސް ފިޔާޒު ވަނީ ދެކޮޅު ހަދައިފައެވެ.
މި މައްސަލައާ ގުޅިގެން ފިޔާޒާއި، ހަސަންގެ ޕާސްޕޯޓު މިހާރު ވަނީ ތިން މަސް ދުވަހުގެ މުއްދަތަށް ހިފަހައްޓައިފައެވެ.
އަލީ ޔާމިން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު