ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ތަކުރާރުކޮށް ސިޔާސީ ޕާޓީގެ ގާނޫނުތަކާ ހިލާފުވެފައިވާތީ ކަމަށް ބުނެ، އިލެކްޝަން ކޮމިޝަން (އީސީ) އިން އެޕާޓީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީސީގެ ނައިބު ރައީސް އަބްދުއްރަހްމާން ސަލާހު ރަޝީދު ސޮއިކުރައްވައި ޕީއެންއެފްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ޕީއެންއެފްއިން ސިޔާސީ ޕާޓީގެ ގާނޫނުއާ ތަކުރާރުކޮށް ހިލާފުވެފައިވާ ކަމަށެވެ.

އެގޮތުން ޕީއެންއެފުން ވަނީ އެހެން ޕާޓީއެއްގެ ހަރަކާތެއް ކުރިއަށް ގެންދިޔަ އިރު، އެކަމަށް ހުރަސް އެޅުމަށް މަސައްކަތް ކޮށްފައި ކަމަށެވެ. އަދި މަގުތަކާއި އާންމު މައިދާންތަކުގައި ސިޔާސީ ޕާޓީގެ އާންމު ބައްދަލުވުންތަކާއި ހަރަކާތްތައް ނުބޭއްވުމަށް ބަޔާންކޮށްފައިވާ އިރު، އެ އެއްވުންތައް ބާއްވަން ހުއްދަ ނަގާފައިވެސް ނުވާ ކަމަށެވެ.

އޭގެ އިތުރުން ޕީއެންއެފުން އެއްވުންތައް ބާއްވަމުންދަނީ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް ކަމަށެވެ.

ޕީއެންއެފް އާއި އެ ޕާޓީއަށް ތާއީދުކުރާ ފަރާތްތަކުން މިދުވަސްވަރު ކުރިއަށް ގެންދާ ސިޔާސީ ހަރަކާތްތަކަކީ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފަށް ހިންގަމުންދާ ހަރަކާތްތަކެއް ކަމަށާއި އެކަން ހުއްޓުވުމަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވެސް ވާނެ ކަމަށެވެ.

އެހެންވެ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން އެ ޕާޓީ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އީސީން ބުންޏެވެ.

"ތިޔަ ޕާޓީއިން ގާނޫނު ނަންބަރު 4/2013 (ސިޔާސީ ޕާޓީގެ ގާނޫނު) ގެ 45 ވަނަ މާއްދާއާ ތަކުރާރުކޮށް ހިލާފުވެފައިވާތީ، އެ ގާނޫނުގެ 49 ވަނަ މާއްދާގެ ދަށުން 100،000 (އެއްލަކަ) ރުފިޔާއިން ޖޫރިމަނާކޮށްފީމެވެ،" އިީސީގެ ސިޓީގައިވެއެވެ.

އީސީން ބުނީ، ޕީއެންއެފަށް އެ ކޮމިޝަނާއެކު ބައްދަލުކުރުމަށް ދައުވަތު ދީފައިވާނެ ކަމަށެވެ. ނަމަވެސް ޕީއެންއެފް އިން ސިޓީއަށް ޖަވާބެއްދީފައި ނުވުމުގެ އިތުރުން، އެ ކޮމިޝަނާ ބައްދަލުކުރުމަށް އިންކާރުކޮށްފައިވާ ކަމަށެވެ.