ނޭވާހިއްލުމުގެ ބަލިން ރައްކާތެރިވުމަށް އިސްކަންދޭ "ޕްރޯއެކްޓިވް" އުސޫލެއް މުޅި މުޖުތަމައުން އިސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ގޮވާލައްވައިފިއެވެ. އެކަމަނާ މިކަމަށް ގޮވާލެއްވީ "ވޯލްޑް އެސްތްމާ ޑޭ 2026 ސިމްޕޯސިއަމް" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސާޖިދާ ވިދާޅުވީ، ރާއްޖޭގައި ނޭވާހިއްލުމުގެ ބަލި ތަހައްމަލުކުރާ މިންވަރު އިތުރުވަމުންދާ ކަމަށެވެ. ހާއްސަކޮށް، ކުޑަކުދިންގެ މެދުގައި ނޭވާހިއްލުން އިތުރުވުމާއި މި ބައްޔާ ގުޅިގެން ހޮސްޕިޓަލަށް ދައްކާ މިންވަރު ނިސްބަތުން މަތިވަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
ވައިގެ ނުސާފުކަމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނޭވާލާ ނިޒާމުގެ ދުޅަހެޔޮކަމަށް ކުރާ ނޭދެވޭ އަސަރުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، ސާޖިދާ ވިދާޅުވީ، މި ކަންކަމަކީ ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ މައިގަނޑު ސަބަބުތައްކަން ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިންވެސް ފާހަގަކުރާ ކަމަށެވެ. މީގެ އިތުރުން، ވާރުތަވާ އެލާޖީގެ ހާލަތްތަކާއި (އެޓޯޕީ) އެލާޖީތަކުގެ އިތުރުން އެގްޒީމާ ފަދަ ބަލިތައް ރާއްޖޭގައި އާންމު ކަމަށާއި ތިމާވެށީގެ ސަބަބުތަކާ ގުޅިގެން މިފަދަ ކަންކަން މެދުވެރިވުމަކީ ނޭވާހިއްލުމުގެ ބަލި އިތުރުވުމަށް ބާރުދޭ ކަންކަން ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މިއަހަރުގެ ވޯލްޑް އެސްތްމާ ޑޭ ނުވަތަ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ނޭވާހިއްލާ ބަލީގެ ދުވަހުގެ ޝިއާރު ކަމަށްވާ "އެކްސެސް ޓު އެންޓި-އިންފްލަމޭޓަރީ އިންހޭލާސް ފޮ އެވްރިވަން ވިތު އެސްތްމާ – ސްޓިލް އެން އާޖަންޓް ނީޑް" އާ ބެހޭގޮތުން ދެއްކެވި ވާހަކަފުޅުގައި ސާޖިދާ ވަނީ އިންހޭލާ ބޭނުންކުރުމާ މެދު މުޖުތަމައުގައި އޮންނަ ނުރަނގަޅު ތަސައްވަރުތަކާއި ދޮގު މައުލޫމާތުތައް ނައްތާލުމަށް ގޮވާލައްވައިފައެވެ. އެގޮތުން އިންހޭލާއަކީ ރައްކާތެރި، ނަތީޖާ ފެންނަ، އަދި އެއަށް ދެވިހިފާ އެއްޗެއް ނޫންކަން ކަށަވަރުކޮށްދެއްވަމުން، އިންހޭލާގެ ސަބަބުން ބަލި ކޮންޓްރޯލްކޮށް، ބަލި ބޮޑުވުން ކުޑަކޮށްދީ، ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއިން ހޯދާފައިވާ ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކްތަކާއި ފުއްޕާމޭގެ ބަލިތައް ދެނެގަތުމަށް ކުރެވޭ އެކިއެކި ތަހްލީލްތަކާއި ދެވޭ ހާއްސަ ހިދުމަތްތައް ގާއިމުކުރުމަކީ ބަލިމީހުންނަށް ފުރިހަމަ ފަރުވާ ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަ ކުރެއްވިއެވެ. ނަމަވެސް، ނޭވާލާ ނިޒާމުގެ ފަރުވާ ރަށްރަށުގައި އެންމެ އެދެވޭ ގޮތުގައި ނުދެވޭ ކަމަށާއި، ބަލި ދެނެގަތުން ލަސްވުމުގެ ސަބަބުން ކުއްލި ހާލަތުގައި ފަރުވާ ދޭން ޖެހުމަކީ ސިއްހަތު ބެލެހެއްޓުމުގައި އަދިވެސް އޮތް ގޮންޖެހުމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
އިބްރާހިމް ޒަކީ
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު
މެޑަމް ސާޖިދާ މުހައްމަދު