ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)އާ ގުޅިގެން ސަލާހުއްދީން ސްކޫލުގައި ބެލެނިވެރިން ތިބުމަށް ހާއްސަ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުމަށް އެއްބަސްވުމެއްގައި ސަޮއިކޮށްފިއެވެ.
އެޗްޑީސީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެޗްޑީސީގެ ފަރާތުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީގެ އެކްޓިން ޑިރެކްޓަރު ހަސަން ޝަހީދުއެވެ. އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ މުފައްދަލް އިދްރީސް ކުމާރީއެވެ.
އެޗްޑީސީން މިއަދު ބުނީ އެ އެއްބަސްވުމުގެ މަގްސަދަކީ، އެ ކޯޕަރޭޝަން އަދި އެމްއައިބީގެ ސީއެސްއާރުގެ ދަށުން، ހުޅުމާލޭގެ ސަލާހުއްދީން ސްކޫލުގެ ބެލެނިވެރިން، ދަރިވަރުން ބަލައިގޮސް ތިބޭއިރު ހިޔާވާނެ ޝޭޑް ސްޓްރަކްޗާއެއް ތަރައްގީކުރުން ކަމަށެވެ.
ދެ އަހަރު ދުވަހުގެ އެ އެއްބަސްވުމުގެ ދަށުން، ސަލާހުއްދީން ސްކޫލުގައި ގާއިމުކުރާ ޝޭޑް ސްޓްރަކްޗާގެ ކުރެހުމާއި ޑިޒައިން އެޗްޑީސީގެ ފަރާތުން ފޯރުކޮށްދިނުމުން، އެކަމަށް ބޭނުންވާ މެޓީރިއަލް ހޯދައި ސްޓްރަކްޗާ ގާއިމުކުރުމުގެ ކަންކަން ކުރިއަށްގެންދާނީ އެމްއައިބީންކަމަށް އެޗްޑީސީން ބުންޏެވެ.
އެ ޝޭޑް ސްޓްރަކްޗާ ގާއިމުކުރެވުމާއެކު، ގަދަ އައްވާއި ވިއްސާރައިގައި ސަލާހުއްދީން ސްކޫލު ސަރަހައްދަށް ދަރިވަރުން ބަލައިގޮސް ތިބޭ ބެލެނިވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީގެ އަމާޒަކީ، ކުރިއަށްއޮތްތަނުގައިވެސް މުޖްތަމައުއަށް ފައިދާހުރި އެފަދަ ގިނަ މަޝްރޫއުތަކެއް ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ކުރިއަށްގެންދިއުންކަމަށް އެޗްޑީސީން ބުންޏެވެ.
މުހައްމަދު އިޝާން
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ
އެޗްޑީސީ