ބޭންކު އެކައުންޓުން 50،000 ރުފިޔާ މަކަރާއި ހީލަތުން ހޯދި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މ. އޮމެގާ / މާލެ، މޫސާ މުހައްމަދު (38އ) އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މި މަހުގެ ދެ ވަނަ ދުވަހުއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުން މިދިޔަ މަހުގެ 24 ވަނަ ދުވަހު މޫސާ މުހައްމަދު ފޭސްބުކް މެސެންޖާ މެދުވެރިކޮށް ވިކްޓިމްއާ ގުޅުން އުފައްދާފައިވާ ކަން އެނގޭ ކަމަށެވެ. އަދި ވައިބާ މެދުވެރިކޮށް މޫސާ ވަނީ އެ މީހާއަށް ލިންކެއް ފޮނުވައިފައެވެ. އެ ލިންކަށް ފިތައިލުމުން ފޯނު ރީސެޓުވެ، އެ މީހާގެ ބެންކު އެކައުންޓުގައި ހުރި 50,000 ރުފިޔާ ކެނޑިފައިވާ ކަމަށާއި އެ ފައިސާ ޖަމާވެފައި ވަނީ މޫސާގެ ނަމުގައިވާ އެކައުންޓަށް ކަމަށް ފުލުހުން ބުންޏެވެ.