މި ދުވަސްވަރު ރައްޔިތުންގެ މަޖިލީހަށް އެޖެންޑާކުރާނެ މަސައްކަތްތަކެއް ނެތުމުން މަޖިލިސް ޖަލްސާއެއް ދެން ބާއްވާނެ ދުވަސް ފަހުން އިއުލާން ކުރާނެކަމަށް ވިދާޅުވެ މިއަދުގެ ޖަލްސާ ނިންމާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްގެންދިޔައީ ދެ މަސައްކަތެކެވެ.

ފުރަތަމަ ކުރިއަށް ގެންދިޔައީ، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގެ ވިޔަފާރިތަކަށް ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށްޓަކައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސަރުކާރުން އެޅިދާނެ ފިޔަވަޅުތަކާ މެދު ރައްޔިތުންގެ މަޖިލީހުގައި ބަހުސް ކުރުމަށް ހުށަހެޅި މައްސަލައިގެ މަސައްކަތެވެ.

ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފު ޒާކިރު ހުށަހެޅުއްވި މި މައްސަލަ މަޖިލިސް ތަޅުމުން ބޭރު ކޮށްލިއެވެ.

މެންބަރު މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވުމުން، މަޖިލީހަށް މައްސަލަ ބަލައިގަނޭތޯ ނެގި ވޯޓުގައި، މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 42 މެންބަރުންގެ ތެރެއިން އެމްޑީޕީގެ އަށް މެންބަރުންނެވެ. މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލީ، ވެރިކަން ކުރާ ޕީއެންސީގެ 33 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ދެވަނަ މަސައްކަތަކަށް ކުރިއަށް ގެންދިޔައީ، ގާނޫނާ ހިލާފުވާ ސިޔާސީ ޕާޓީތަކަށް އަވަހަށް ފިޔަވަޅު އަޅަން ގޮވާލައި ވެރިކަން ހިންގާ ޕީއެންސީގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރަށް ބަހުސް ކުރުމެވެ.

ހޮޅުދޫ ދާއިރާގެ ޕީއެންސީ މެންބަރު އައްބަދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި މި ގަރާރުގެ ބަހުސްގެ ތެރެއިން މިއަދުގެ ޖަލްސާގެ ދެވަނަ ދަންފަޅީގެ ހުސްވަގުތުކޮޅާ ހިސާބުން ޖަލްސާ ނިންމަވައިލެއްވިއެވެ.

މިއަދުގެ ޖަލްސާ ނިންމަވައިލައްވަމުން އެވަގުތު ޖަލްސާގެ ރިޔާސަތުގައި އިންނެވި، މަޖިލީހުގެ ނާއިބު ރައީސް އަދި ދިއްގަރު ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، މިއަދުގެ ޖަލްސާގައި ވޯޓަށް އަހަންޖެހޭ ހިސާބަށް ކަމެއް ނިމިފައި ނެތް ކަަމަށެވެ.

އެއަށްފަހު ވިދާޅުވީ، ކުރިއަށްހުރި ދުވަސްތަކަށް ބަލާއިރުވެސް މަޖިލީހަށް އެޖެންޑާ ކުރާނެ މާގިނަ ކަންތައްތަކެއް ނެތް ކަމަށެވެ.

އެހެންކަމުން މަޖިލިސް ޖަލްސާ އޮންނާނެ ދުވަހެއް ފަހުން އިއުލާން ކުރައްވާނެކަމަށް ވިދާޅުވެ ނާޒިމް ޖަލްސާ ނިންމަވައިލެއްވިއެވެ.