ސްރީ ލަންކާގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސް އޮނަރަބަލް ޑރ. ޖަގަތް ވިކްރަމަރަތްނަ އެމް.ޕީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ރައީސް އޮފީހުން މިރޭ ބުނީ ރައީސް މުއިއްޒު، ލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ބޭއްވެވި އެ ބައްދަލުވުމުގައި، ދެބޭފުޅުން ވަނީ ދެގައުމުގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައި ކަމަށެވެ.
އަދި ރާއްޖެއާއި ލަންކާގެ ގުޅުމަކީ، ހަމައެކަނި ސިޔާސީ ގުޅުމެއް ނޫންކަމަށާއި ދެގައުމުގެ ރައްޔިތުންގެ މެދުގައިވެސް ހާއްސަ ގުޅުމެއް އުފެދިފައިވާކަން ދެ ބޭފުޅުންވެސް ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ދެގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ގުޅުން ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް-ސްރީލަންކާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕާއި ސްރީލަންކާ-މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް އެސޯސިއޭޝަން މެދުވެރިކޮށް މަސައްކަތްކުރުމުގެ މައްޗަށްވެސް ދެބޭފުޅުން މަޝްވަރާކުރެއްވިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށް، ދެގައުމުގެ ގާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް، މައުލޫމާތު ހިއްސާކުރުމަކީ މުހިންމުކަމެއްކަންވެސް ދެބޭފުޅުންވަނީ ފާހަގަކުރައްވާފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މެދުގައި އެއްބާރުލުން އިތުރަށް ފުޅާކޮށް، ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގަންނަވަމުންކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު