އިރާނުގެ ހުށަހެޅުމަށް އެމެރިކާއިން ޖަވާބު ދީފިއެވެ.

އެމެރިކާއިން އިރާނަށް ދިން ހަމަލާއަށް ފަހު ފެށުނު ހަނގުރާމަ މަޑުޖައްސާލައި ދެގައުމުން ވެސް މަޝްވަރާ ފަށާފައިވާއިރު، ދެގައުމުން ވެސް ވަނީ ހުށަހެޅުންތައް ހުށަހަޅަން ފަށާފައެވެ.

މިދިޔަ ހުކުރު ދުވަހު އިރާނުން ޕާކިސްތާނު މެދުވެރިކޮށް އެމެރިކާއަށް ހުށަހަޅާފައިވާ ހުށަހެޅުންތައް އެމެރިކާއަށް ލިބި އެހުށަހެޅުން ބެލުމަށްފަހު ޖަވާބު ދީފައިވާކަމަށް އިރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައި ވެއެވެ.

އިރާނުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ އިރާނުގެ ޓަސްނީމް ނިއުސް އެޖެންސީ އިން ވަނީ އިރާނުގެ ހުށަހެޅުން އެމެރިކާއިން ބެލުމަށްފަހު ޕާކިސްތާނު މެދުވެރިކޮށް އިރާނަށް ފޮނުވާފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

އިރާނުން ވަނީ އެެމެރިކާއިން ފޮނުވި ހުށަހެޅުން މިހާރު ބަލަމުން އަންނަ ކަމަށާއި އެކަމުގައި ގޮތެއް ނިންމާނެ ކަމަށް ބުނެފައެވެ.

އެމެރިކާއިން އަދި މިހާތަނަށް އެހުށަހެޅުން އިރާނަށް ފޮނުވާފައިވާކަމެއް ހާމަކޮށްފައި ނުވެއެވެ.

އިރާނުން ހުށަހަޅާފައިވާ ހުށަހެޅުގައި 14 މާއްދާއެއް އެކުލެވެއެވެ. އޭގެ ތެރޭގައި އިރާނުގެ ބޯޑަރު ސަރަހައްދުގައި ތިބި އެމެރިކާ ސިފައިން ބޭލުމުގެ އިތުރުން ކަނޑުމަގުން ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުން ހިމެނެއެވެ. މީގެ އިތުރުން އިރާނުގެ ހުށަހެޅުމުގައި އިޒްރޭލުން ލުބުނާނަށް ދެމުން އަންނަ ހަމަލާތައްވެސް ވަގުތުން ހުއްޓާލުމަށް ވަނީ ހިމަނާފައެވެ.