ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީ ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު އެ ގައުމަށް ވަޑައިގެންފިއެވެ.
މިއީ ރައީސް މުއިއްޒު މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު ލަންކާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ކުރައްވާ މި ދަތުރުފުޅުގައި ރައީސްގެ ދެމަފިރިން މިއަދު ލަންކާއަށް ވަޑައިގަތް ނަމަވެސް، އެމަނިކުފާނަށް ރަސްމީކޮށް މަރުހަބާ ދެންނެވުމުގެ ހަރަކާތްތައް އޮންނާނީ މާދަމާއެވެ.
ރައީސް އޮފީހުން މިއަދު ބުނީ މި ދަތުރުގައި ރައީސް، ލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ރާއްޖެއަށް ފައިދާހުރި މުހިންމު ދާއިރާތަކަކުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމުގެ އިތުރުން ތަރިކަ އާއި ބައިނަލްއަގުވާމީ މައިދާނުގައި އެކުގައި މަސައްކަތް ކުރެވޭނެ އާ މަގުތައް ހޯދުން ހިމެނޭކަމަށް ރައީސް އޮފީހުން ބުންޏެވެ.
މީގެ އިތުރުން، ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި ގުޅުން ބަދަހިކުރުމުގެ މުހިންމު ފަހުމުނާމާތަކެއްގައި ސޮއިކުރުމަށްވެސް ވަނީ ތާވަލުކުރެވިފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
މި ދަތުރުގެ ތެރެއިން ރައީސް މުއިއްޒު "ރާއްޖެ-ސްރީލަންކާ ބިޒްނަސް ފޯރަމް" ގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ހާލު ބެއްލެވުމަށްވެސް ވަނީ ހަމަޖެހިފައިކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރާއްޖެއާއި ލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން، ލަންކާގެ ރައީސް ޑިސަނާޔަކެ ވެސް ވަނީ މިދިޔަ ޖުލައި މަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. ރައީސް މުއިއްޒުގެ މި ދަތުރުފުޅަކީ އެ ގުޅުން އިތުރަށް ބަދަހިކޮށް، ދެ ގައުމުން އިސްކަންދޭ ކަންކަމުގައި އެއްބާރުލުން އިތުރުކުރުމަށް މަގުފަހިވާނެ ދަތުރުފުޅެއްކަމަށް ރައީސް އޮފީހުން ބުންޏެވެ.
މުހައްމަދު އިޝާން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު