ސްކޭމްގެ މައްސަލައިގައި ލަންކާއިން ސަސްޕެންޑު ކުރި މީހަކު މަރުވެއްޖެއެވެ.

ލަންކާގެ ފިނޭންސް މިނިސްޓްރީ ހެކްކޮށް 2.5 މިލިއަން ޑޮލަރު ވަގަށް ނެގި މައްސަލަ ފެންމަތި ވުމާއެކު އެމުއާމަތުގައި ބައިވެރިވެފައިވާ ފިނޭންސްގެ ހަތަރު މުވައްޒަފަކު ވަނީ ސަސްޕެންޑުކޮށް ތަހުގީގު ކުރަން ފަށައިފައެވެ.

ލަންކާގެ ކުލިޔަޕިޓިޔާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުން ސަސްޕެންޑުކޮށްފައިވާ ހަތަރު މީހުންގެ ތެރެއިން އެކަކު އިއްޔެގެ ވަގުތެއްގައި މަރުވެފައިވާ ކަމަށާއި އެމީހާ މަރުވެފައިވަނީ އަމިއްލައަށް ކަމަށެވެ.

އޮފިޝަލުން ވަނީ މަރުވެފައިވަނީ އެމިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ކަމަށެވެ.

ލަންކާގެ ފިނޭންސް މިނިސްޓްރީ އިން ވަގަށް ނަގާފައިވާ 2.5 މިލިއަން އެމެރިކާ ޑޮލަރަކީ އެގައުމުން އޮސްޓްރޭލިއާ އިން ނަގާފައިވާ ދަރަނި ދެއްކުމަށް ކަނޑައަޅާފައި ހުރި ފައިސާ ކަމަށް ރިޕޯޓުތައް ބުނެއެވެެ.

ހެކަރުން އެ ފައިސާ ވަގަށް ނަގާފައިވަނީ މިނިސްޓްރީގެ އީމެއިލް ސާވާ ތެރެއަށް ވަދެގެން ކަމަށް އޮފިޝަލުން ބުނެއެވެ. އަދި އެމައްސަލަ އިތުރަށް ތަހުގީގު ކުރުމަށް މަސައްކަތް ފަަށާފައިވާ ކަމަށް ވެސް އޮފިޝަލުން ބުނެއެވެ.

މައްސަލައިގެ ތަހުގީގަށް ލަންކާ ސަރުކާރުން ވަނީ ބޭރު ގައުމުތަކުގެ އެހީއަށްވެސް އެދިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.