"އަދަދު" ނޫހުން ގެނެސްދީފައިވާ "އައިޝާ" ޑޮކިއުމެންޓްރީގެ މައްސަލަ ފުލުހުން ބަލަން ފެށީ ރައީސް، ޑރ. މުހައްމަދު މުއިއްޒު ނުވަތަ ސަރުކާރުން އަންގައިގެން ނޫން ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު، މުހައްމަދު ހުސައިން ޝަރީފް، މުންދު ވިދާޅުވެއްޖެއެވެ.

ސްޕޯކްސް ޕާސަންގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބޭއްވި "ޕްރެސާ ވިތް ދަ ސްޕޮކްސް" ގައި މުންދު ވިދާޅުވީ، އަދަދު ނޫހުގެ ޑޮކިއުމަންޓަރީގެ ދެ ތަހުގީގެއް ކުރާ ކަމަށެވެ. އެގޮތުން ފުލުހުން ތަހުގީގު ކުރަނީ ގާނޫނުތަކުން ދީފައިވާ މިނިވަން ކަމުގެ އިންފާރުން ބޭރުން އަދަދު ނޫހުން ކުރި މަސައްކަތެއް ކަމަށާއި ދެން ތަހުގީގެއް ކުރަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން ކަމަށެވެ.

"މިހާރު ހިނގަމުންދާ ތަހުގީގަކީ ރައީސް މުއިއްޒު އަންގަވައިގެން ކުރި ކަމެއް ނޫން ކަމަށާއި އަދި ސަރުކާރުން އަންގައިގެން ކުރި ކަމެއް ނޫން" މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ އަދަދުގެ ޑޮކިއުމެންޓްރީއާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނާއި އަދަދު ނޫހާ ދެމެދު މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ކޮމިޝަނުން މައުލޫމާތު ދީފައިވާ ކަމަށެވެ.

މުންދު އިތުރަށް ވިދާޅުވީ، އަދަދުގެ ޑޮކިއުމަންޓަރީގައިވާ ކަންކަން ރައީސް ދޮގުކުރެއްވުމުގެ ކުރިންވެސް ފުލުހުން އެ މައްސަލަ ބަލަމުން ގޮސްފައިވާ ކަމަށެވެ.

އަދަދު ނޫހުން ގެނެސްދިން ޑޮކިއުމަންޓަރީގެ މައްސަލައިގައި އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާ އާއި އެޑިޓަރު ހަސަން މުހައްމަދުއާ އެކު އަންހެނެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓައިފައެވެ. އަދި އަދަދުގެ އޮފީސް ރެއިޑްކޮށް ބައެއް ތަކެތި ފުލުހުން ވަނީ ގެންގޮސްފައެވެ.