ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަވަށްޓެރި ސްރީލަންކާއަށް އަންނަ އާދިއްތަ ދުވަހު ފައްޓަވާ ފުރަމާނަ ދަތުރުފުޅުގައި ހަތް އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ޗީފް ގަވަރުމަންޓް ސްޕޯކްސް ޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދައުވަތަކަށް ރައީސް މުއިއްޒު ލަންކާއަށް ވަޑައިގަންނަވަނީ އަންނަ އާދިއްތަ ދުވަހުއެވެ.
ހަތަރު ދުވަހުގެ އެ ދަތުރުފުޅުގައި ލަންކާގެ އިސް މަސްއޫލުވެރީންނާ ބައްދަލުކުރައްވުމުގެ އިތުރުން ރާއްޖެއާއި ލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭގޮތުން އެ ގައުމުގެ ރައީސާއެކު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދެވުމަށް ހަމަޖައްސާފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.
ސްޕޯކްސް ޕާސަންގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދެއްވުމަށް ބޭއްވި "ޕްރެސާ ވިތް ދަ ސްޕޮކްސް" ގައި މުންދު ވިދާޅުވީ، ލަންކާއަކީ ރާއްޖެއާ އެންމެ ގާތް އެއް ގައުމު ކަމަށާއި ގިނަ އެމްއޯޔޫއެއްގައި ސޮއިކުރާނެ ކަމަށެވެ.
"މަދުވެގެން ހަތް އެއްބަސްވުން މިހާރު އޮތް ގޮތުން ދެ ގައުމުގެ ދެމެދުގައި ސޮއިކުރެވޭނެ. މުހިންމު ދާއިރާތަކުން" މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ، ރައީސްގެ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާވެސް ރައީސް ބައްދަލުކުރައްވާނެ ކަމަށެވެ.
މީގެ އިތުރުން އެ ދަތުރުފުޅުގެ ތެރެއިން ކޮލަންބޯގައި އިންވެސްޓްމަންޓް ފޯރަމެއް ބާއްވާނެ ކަމަށްވެސް މުންދު ވިދާޅުވިއެވެ.
އަލީ ޔާމިން
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)
ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް (މުންދު)