ސިޔާސީ މަގާމުތަކުގައި ތިބި މީހުންގެ މުސާރައިން 10 ޕަސަންޓް ކުޑަކޮށްފައިވާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ މިހާރު ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ދައުލަތުގެ މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތުގެ ތެރެއިން ސިޔާސީ މުވައްޒަފުންގެ މުސާރަ ބޮޑުކޮށްފައި ނުވާނެ ކަމަށެވެ.

އަދި މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެ މުވައްޒަފުންގެ މުސާރަ ހުންނާނީ ކުރިން ދެމުން އައި މިންވަރަށް ވުރެ 10 ޕަސަންޓް ދަށްކޮށްފައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އިން ފެކްޓް އަޅުގަނޑަށް ހީވަނީ ޖެނުއަރީ 2025 އިން ފެށިގެން އޮންނާނީ 10 ޕަސެންޓް ދަށްކޮށްފައި އޭރު ދެމުން އައި ސެލެރީއަށް ވުރެ އެހެންވީމަ އިތުރުވަމުންނެއް ނުދާނެކަން އެ ޔަގީންކަން އެބައޮތް" ޒަމީރު ވިދާޅުވިއެވެ.

މި ސަރުކާރުން ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވީ ނަމަވެސް، އެ އަދަދު އެތައް ހާހަކަށް އަރާފައިވާ ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ޒަމީރު ވިދާޅުވީ، ސިޔާސީ މުވައްޒަފުންނަށް ހިނގަނީ ދައުލަތުގެ ޖުމްލަ ހަރަދުގެ އެންމެ 0.9 ޕަސަންޓު ކަމަށާއި، މުޅި ދައުލަތުގެ ޕޭރޯލްއަށް ބަލާއިރު އެއީ ގާތްގަނޑަކަށް 3.9 ޕަސަންޓު ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ އަދަދު 33 ޕަސަންޓް މަދުކުރުމަށް ޕީސީބީއަށް އަންގާފައިވާ ކަމަށާއި، އެ މަސައްކަތް ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި މީގެ ފަހުން ކުންފުނިތަކަށް މުވައްޒަފުން ނަގާނީ އިއުލާނުކޮށްގެން ކަމަށާއި، ސިޔާސީ ނުފޫޒުން މީހުން އައްޔަންކުރުން ހުއްޓާލާނެ ކަމަށް ރައީސް ވިދާޅުވެފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.