ރާއްޖޭގައި ދިގު މުއްދަތަކަށް ތެޔޮ ރައްކާކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، މާލެ ސަރަހައްދުގެ ދެ ފަޅެއް ބަލަމުންދާކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
އެމެރިކާއާއި އިޒްރޭލް އިސްވެ އޮވެ އިރާނަށް ދިން ވައިގެ ހަމަލާތަކުގެ މިހާރު ހިންގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތަކާއި އެހެން ކަންކަން ހައްލުކުރުމަށާއި، ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ މިނިސްޓަރުންގެ ހާއްސަ ކޮމިޓީން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ރާއްޖޭގައި ތެލުގެ ރިޒާވްއެއް ގާއިމްކުރުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީ، އިކޮނޮމިކް މިނިސްޓްރީ އަދި ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)އިން ފަށާފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ، ތިން ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ އެ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދުން ބަލަމުންދާ ދެ ފަޅުގެ ސާވޭތައް އަންނަ ހަފުތާގެ ތެރޭގައި ފެށުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި އެ މަސައްކަތުގެ ޑިޒައިނާއި، ފައިސާ ހޯދާނެ ގޮތްތަކާއި ފީސިބިލިޓީ ހިމެނޭހެން ފައިނަލް ޕްލޭންއެއް ތައްޔާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ތެލުގެ ރިޒާވް ހުންނަން ޖެހޭ. ފައިނަލް ޕްލޭން އެކުލަވާލާއިރު ސްޓޮކް ބެހެއްޓޭނެ މިންވަރާ ގުޅޭގޮތުންވެސް ޕްލޭންތައް ހަދާނެ" ޒަމީރު ވިދާޅުވިއެވެ.
އިންޑިއާ ކަނޑަކީ ތެލުގެ ސްޓޮކް ބަހައްޓައިގެން މަސައްކަތް ކުރާ ކުންފުނިތައް ގިނަ ސަރަހައްދަކަށް ވުމާއެކު، ރާއްޖެއަށް ބޭނުންވާ ތެޔޮ ބެހެއްޓުމަށްފަހު އިތުރުވާ ބައި އެހެން ފަރާތްތަކަށް ކުއްޔަށް ދޫކުރުމުގެ ފުރުސަތުވެސް އޮންނާނެކަމަށް ޒަމީރު ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ އެއް އަހަރު ދުވަހަށް ބޭނުންވާނެ ވަރަށް ތެޔޮ ރައްކާކުރެވޭނެ ރިޒާވްއެއް ގާއިމްކުރުންކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ފަސް އަހަރުގެ ޕްލޭންގެ ދަށުން ކުރިއަށްގެންދާ މަޝްރޫއަކަށް ވާއިރު، ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލުމަށް ވަނީ ރާވާފައިކަމަށް ޒަމީރު ވިދާޅުވިއެވެ.
މިހާރު ރާއްޖެއަށް ބޭނުންވާ ތެޔޮ ރައްކާކޮށްފައި ހުންނަނީ މާލެ ކައިރީގައި އޮންނަ ފުނަދޫގައެވެ. އެތަނުގެ ކެޕޭސިޓީއަކީ ޑީސަލް 291,000 ފީފާ އަދި 59,000 ފީފާގެ ޕެޓްރޯލެވެ. މީގެ އިތުރުން ރާއްޖޭގެ އެއާޕޯޓުތަކަށް ބޭނުންވާ ޖެޓް ފިއުލް ފޯރުކޮށްދިނުމުގެ މަސައްކަތްވެސް ކުރަމުންދަނީ އެސްޓީއޯއިންނެވެ.
މުހައްމަދު އިޝާން
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު
ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު