"އަދަދު" ނޫހުން ތައްޔާރުކުރި "އައިޝާ" ޑޮކިއުމަންޓްރީގެ މައްސަލައިގައި، އެ ނޫހުގެ އެޑިޓަރު ހަސަން މުހައްމަދު ފުލުހަށް ހާޒިރު ކޮށްފިއެވެ.

ހަސަން ވަނީ އޭނާގެ ވަކީލާއެކު މިއަދު ހެނދުނު 08:30 އަށް ފުލުހުންގެ ސާޖަންޓު އާދަމް ހަލީމް އިންވެސްޓިގޭޝަން އިމާރާތަށް ހާޒިރުވެފައެވެ.

ހަސަން، ފުލުހަށް ހާޒިރުކޮށްފައި މިވަނީ، ކޯޓު އަމުރެއްގެ ދަށުން ހޯމަ ދުވަހުގެ ރޭ ފުލުހުން އެ ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ގިނަ އަދަދެއްގެ ތަކެތި ގެންގޮސްފައިވަނިކޮށެވެ. މީގެ އިތުރުން، ތަހުގީގަށްޓަކައި އޭނާގެ ޕާސްޕޯޓް ވެސް ވަނީ އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ހިފަހައްޓައިފައެވެ.

ހަސަންގެ އިތުރުން އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒު މޫސާވެސް ވަނީ ފުލުހަށް ހާޒިރުވާން އަންގައިފައެވެ. އެގޮތުން ފިޔާޒު ހާޒިރުވާން ޖެހެނީ މިއަދު މެންދުރު 2:30 އަށެވެ.

މި މައްސަލައިގައި ފިޔާޒްގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.

ފިޔާޒާއި ހަސަންއަށް ފޮނުވި ޗިޓުގައިވާ ގޮތުން، އެ މީހުން ހާޒިރުކުރަނީ "އައިޝާ" ޑޮކިއުމަންޓްރީ އާންމުކުރުމުގައި އެ މީހުންގެ ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ސުވާލު ކުރުމަށެވެ.