ނޫސް މަޖައްލާތައް ރަޖިސްޓްރީ ކުރުމާއި، މީޑިއާތަކާ ގުޅޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމާ ގުޅޭ އާ ގަވާއިދުތައް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު އާއްމުކޮށްފިއެވެ.

މީޑިއާ ކޮމިޝަންގެ ގާނޫނުގެ ދަށުން އުފެއްދި މި ކޮމިޝަނުން މިއަދު ވަނީ މީޑިއާގެ ދާއިރާއާ ގުޅުންހުރި މުހިންމު ތިން ގަވާއިދެއް ސަރުކާރުގެ ގެޒެޓްގައި ޝާއިރުކޮށް، އެއަށް އަމަލުކުރަން ފަށާފައެވެ. މިއީ މީގެ ކުރިން މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުން ވަކިވަކިން ހިންގަމުން ދިޔަ ގަވާއިދުތަކެކެވެ.

މިއަދު ގެޒެޓްކުރި ގަވާއިދުތަކަކީ:

  • އެއްވުންތަކުގައި ހަރަކާތްތެރިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދު
  • ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދު
  • ކޮމިޝަނަށް ހުށަހެޅޭ މައްސަލަތައް ބެލުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދު

އާ ކޮމިޝަނުން އެކުލަވާލި މި ގަވާއިދުތަކުގައި ކުރީގެ ގަވާއިދުތަކުގައި ހުރި މައިގަނޑު ކަންކަމުގެ އިތުރުން، މީޑިއާ ކޮމިޝަންގެ އާ ގާނޫނުގައި ހިމެނޭ މުހިންމު ބައިތައް ވަނީ ހިމަނާފައެވެ.

މީގެ ތެރެއިން ޝަކުވާ ބެލުމާއި ފިޔަވަޅު އެޅުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މީޑިއާއަކުން ފަތުރާފައިވާ ކޮންޓެންޓަކާ ގުޅޭ ޝަކުވާއެއް އޮތް ނަމަ، އެ ކޮންޓެންޓެއް އާއްމުކުރިތާ 45 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ހުށަހަޅަން ޖެހެއެވެ. އަދި ޝަކުވާ ހުށަހަޅާތާ 30 ދުވަހުގެ ތެރޭގައި އެ މައްސަލައަކާ މެދު ކޮމިޝަނުން ގޮތެއް ނިންމަން ޖެހޭނެ ކަމަށް ވެސް ބަޔާންކޮށްފައިވެއެވެ.

މި ގަވާއިދުގެ ދަށުން މީޑިއާތަކަށް ފިޔަވަޅު އެޅުމުގެ ބާރު ކޮމިޝަނަށް ލިބިގެންވެއެވެ. އެގޮތުން ސުލޫކީ މިންގަނޑާ ހިލާފުވާ ބްރޯޑްކާސްޓަރުން 50,000 ރުފިޔާއާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި ނޫސް މަޖައްލާތައް 5,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގަވާއިދުގައިވެއެވެ.

މީގެ އިތުރުން، ކޮމިޝަނުން އަންގާ ކަންކަން އިސްލާހުކުރުމަށް އެންގުމާއި، އާއްމުކޮށް މައާފަށް އެދުމަށް އެންގުމުގެ ބާރު ވެސް ކޮމިޝަނަށް އޮވެއެވެ. އަދި މީޑިއާއެއްގެ ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލްކުރަން ޖެހިއްޖެ ހާލަތެއްގައި، އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ އިހުތިޔާރުވެސް މި ގަވާއިދުގެ ދަށުން ކޮމިޝަނަށް ލިބިދެއެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަން އެއްކޮށްލައި، "މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން" ގެ ނަމުގައި އާ އިދާރާއެއް އުފެއްދީ ނޫސްވެރިންގެ ފަރާތުން ކަންބޮޑުވުންތަކެއް ހުއްޓައި، މިދިޔަ ސެޕްޓެމްބަރު މަހު ތަންފީޒުކުރަން ފެށި އާ ގާނޫނުގެ ދަށުންނެވެ.